ބޮލީވުޑް

މޯހިތު އާއި ޕްރިޔަންކާ ކައިވެނި ކުރުވަން އާއިލާއިން އުޅުނު

ޕްރިޔަންކާ ޗޯޕްޅާ އަކީ މިހާރު ހަމައެކަނި ބޮލީވުޑް ތަރިއެއް ނޫނެވެ. އޭނާއަކީ ހޮލީވުޑް ތަރިއެއް ވެސް މެއެވެ. އެހެން ގޮތަކަށް ބުނާނަމަ ގްލޯބަލް ސްޓާރެކެވެ.

އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކެއްގެ މަސައްކަތުގައި އިންޑިއާ އިން ބޭރުގައި ގިނަ ދުވަސްތަކަކު އުޅެމުންދިޔަ ޕްރިޔަންކާ އަށް އޭނާގެ ފިރިމިހާ ނިކް ޖޯނަސްއާ ބައްދަލުވެ އޭނާއާ ލޯބީގެ ގޮތުން ގުޅުނެވެ. އަދި 2018 ގައި އެ ދެ މީހުން ކައިވެނިކޮށް ވަރަށް އުފާވެރި ދުވަސްތަކެއް މިހާރު ދަނީ ހޭދަކުރަމުންނެވެ.

ޕްރިޔަންކާ އާއި ނިކްގެ ގުޅުމަށް އާއިލާއިން މަރުހަބާ ކިޔަސް ޕްރިޔަންކާ އާއި އެހެން އެކްޓަރަކާ ކައިވެނިކުރަން އާއިލާއިން ބޭނުންވީ ދުވަސްވަރެއް ވެސް ދިޔަ އެވެ. އެ އެކްޓަރަކީ ހިންދީ ސިލްސިލާ "ދޭވޯން ކޭ ދޭވް... މަހާދޭވް"ގެ އެކްޓަރު މޯހިތު ރައިނާ އެވެ.

ޚުދް ޕްރިޔަންކާ ވަނީ މި ވާހަކަތައް ވަރަށް ކުރިން ޒޫމް ޓީވީ އަށް ދިން އިންޓަވިއު އެއްގައި ކޔައިދީފަ އެވެ.

ޕްރިޔަންކާ ބުނެފައިވާ ގޮތުގައި މޯހިތު އާއި އޭނާ ގުޅުވަން މަސައްކަތްކުރީ ޕްރިޔަންކާގެ ބޮޑުދައިތަ އެކެވެ.

"ބޮޑުދައިތައަށް އޭރު ގަބޫލު ކުރެވިފައި އޮތީ މޯހިތު އަކީ ވަރަށް ބަސްއަހާ، ތެދުވެރި، ޒުވާނެއްގެ ގޮތުގައި. އަދި އެހާ ރީތި ވެސް އެކްޓަރެއް ކަމަށް ބޮޑުދައިތަ ދެކެނީ މޯހިތު އަކީ. އެހެންވެ އަހަރެމެން ދެ މީހުން ސެޓުކުރަން ބޮޑުދައިތަ ވަރަށް މަސައްކަތް ކުރި،" ޕްރިޔަންކާ ބުނެފައިވެ އެވެ.

ޚުދް މޯހިތު އާ ވެސް ނޫސްވެރިއަކު މި ސުވާލު ކުރި އެވެ. ޕްރިޔަންކާގެ ބޮޑުދައިތަ އޭނާ އާއި ޕްރިޔަންކާ ކައިވެނިކޮށްދޭން ޝައުގުވެރިވެގެން އުޅުނުކަން އެނގިފައި އޮތްތޯ އެވެ؟

ޖަވާބުގައި މޯހިތު ބުނީ އޭނާއަކީ ޕްރިޔަންކާއާ ކައިވެނިކުރަން ގާބިލް މީހެއް ކަމަށް ޕްރިޔަންކާގެ ބޮޑުދައިތައަށް ގަބޫލުކުރެވުނީތީ ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް ޕްރިޔަންކާ އަކީ ސްޕާސްޓާރަކަށް ވެފައި އޭނާއަކީ އާދައިގެ ޓީވީ އެކްޓަރަކަށް ވާތީ އެއީ އޭނާގެ ހަޔާތުގައި ކުރަން އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މޯހިތު ބުންޏެވެ.

މަސައްކަތުގެ ރޮނގުން ބަލާއިރު ޕްރިޔަންކާ އެންމެ ފަހުން ފެނިފައިވަނީ ނެޓްފްލިކްސްގެ "ދަ ވައިޓް ޓައިގާ" އިންނެވެ.

މި ފިލްމުގައި ޕްރިޔަންކާގެ ކޯސްޓާރުންނަކީ ރާޖްކުމާރު ރާއޯ އާއި އާދާޝް ގޯރަވް އެވެ. މިވަގުތު އޭނާ މަސައްކަތް ކުރަމުންދަނީ "މެޓްރިކްސް 4" އާއި "ޓެކްސްޓް ފޯ ޔޫ" ގައެވެ.

މޯހިތު ރައިނާ ދެން އެންމެ އަވަހަށް ފެންނާނީ "ޝިއްދަތު: ޖާނީ ބިޔޯންޑް ލަވް" އިންނެވެ.