ހައުސިން މިނިސްޓްރީ

އިމާރާތްތަކުގެ ސަލާމަތީ ކަންތައްތައް ބަލަން ހައުސިންގެ މުވައްޒަފުން ގޭގެއަށް

މާލޭގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި މިހާރު އިމާރާތް ކުރަމުން އަންނަ، ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށް ތޯ ބެލުމަށް ހައުސިން މިނިސްޓްރީގެ ޓީމުތައް ގޭ ގެއަށް ޒިޔާރަތް ކުރަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ މާލޭގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި، މިހާރު ހަދަމުން އަންނަ ބައެއް އިމާރާތްތަކުގައި ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައި ނުވާކަން ފާހަގަ ކުރެވޭތީ އެ ކަންކަން ބެލުމަށް ހައުސިންގެ ޓީމުތައް ތަންތަނަށް ޒިޔާރަތް ކުރަން ފެށީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. ޓީމުތައް ތަންތަނަށް ޒިޔާރަތް ކުރަމުން ދާނީ، ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މި ސާވޭގައި މާލޭގެ ހުރިހާ އިމާރާތަކާއި ކޮންސްޓްރަކްޝަން ސައިޓްތައް ބަލާނެއެވެ.

މި ސާވޭގެ ދަށުން މީހުން ދިރިއުޅޭ ތަންތަން ބެލުމުގައި، ބެލްކަނި، ސިޑި އަދި ޓެރަސް ފަދަ ތަންތާ ރެއިލިން ހަރުކޮށްފައި ހުރިތޯ އާއި، ލިފްޓް ގޮޅިތައް ސަލާމަތީ ގޮތުން ރައްކާތެރިކޮށްފައިވޭތޯ އާއި، ވެންޓިލޭޝަން ގަވާއިދާއި އެއްގޮތަށް ވައިގޮޅުތައް ހަދާފައި ހުރީ ރަނގަޅަށް ތޯ ބަލާނެ ކަމަށް މިނިސްޓްރި އިން ބުންޏެވެ. މީގެ އިތުރަށް އާންމުންނަށް ހިދުމަތްދޭ ތަންތަން ހުރީ ނުކުޅެދޭ ފަރާތްތަކަށް ވަދެ ނުކުމެވޭ ގޮތައްތޯ ވެސް ބަލާނެ އެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުގައި ޒިޔާރަތް ކުރާ އިރު ބަލާ މައިގަނޑު ކަންކަމަކީ، ސަލާމަތީ ގޮތުން ޖަހަންޖެހޭ ބިއްގަނޑު ނުވަތަ ދާ ޖަހަފައި ވޭތޯ އާއި، މަސައްކަތްކުރާ ފަރާތްތައް މަސައްކަތް ކުރަނީ އެކަށީގެންވާ ހެދުމުގައި ތޯ އާއި މަސައްކަތް ކުރާ އަށިތަކާއި އެލުވާލާފައިވާ އަށިތައް ހުރީ ރައްކާތެރި ގޮތަކަށްތޯ ބަލާނެ އެވެ. އަދި ކޮންސްޓްރަކްޝަން ސައިޓުތަކުގައި ކޮނުމުގެ މަސައްކަތް ކުރަނީ ގަވާއިދާއި އެއްގޮތަށްތޯ އާއި ފައުންޑޭޝަން ޕްރޮޓެކްޝަން ހުރީ އެކަށީގެންވާ މިންގަނޑެއްގައިތޯ ވެސް ބަލަ އެވެ.

އިމާރާތް ކުރުމުގެ ގަވައިދުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށި އިރު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި މާލޭގެ ލިފްޓް ގޮޅިއެއްގެ ތެރެއަށް މުސްކުޅި އަންހެނަކު އޭނާގެ ހަތް މަހުގެ މާމަ ދަރިފުޅާއެކު ވެއްޓި، ތުއްތު ކުއްޖާ ވަނީ މަރުވެފަ އެވެ. ސިޑިގޮޅީގެ ތެރެއަށް މީހުން ވެއްޓުމުގެ ގިނަ ހާދިސާތަކެއް ފަހަކަށް އައިސް ވަނީ ހިނގާފަ އެވެ.