ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތަށް ދިޔަ ހަރަދު ސައުދީ ސަރުކާރުން ހޯދަނީ

ސައުދީ ސަރުކާރުގެ އެހީގައި މާލޭގައި ހެދި ކިންގް ސަލްމާން މިސްކިތަށް ދިވެހި ސަރުކާރުން ކުރި ހަރަދު ސައުދީން ހޯދަން މަސައްކަތް ކުރާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ޔައުގޫބު އެއްސެވީ ކިންގް ސަލްމާން މިސްކިތަކީ ސައުދީގެ ހިލޭ އެހީގެ ދަށުން ހެދި މިސްކިތެއް ނަމަވެސް އެ މިސްކިތަށް 80 ޕަސެންޓް ހަރަދުކުރީ ސަރުކާރުގެ ބަޖެޓުން ކަމަށް ވާހަކަތައް ދެކެވޭ ކަމަށާއި އެކަން ސާފު ކޮށްދެއްވުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ސަލްމާން މިސްކިތް ހަދަން ދައުލަތުގެ ބަޖެޓުން ބޮޑަ ހަރަދެއް ކުރަން ޖެހުނު ނަަމަވެސް އެކަމަށް ދިޔަ ހަރަދު ސައުދީ ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާ ސައުދީ ސަރުކާރުން ދިނުމުގެ ނިޔަތް ވެސް އެބައޮތް ކަަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން ސައުދީ ސަރުކާރުގެ ނިޔަތް އެބައޮތްކަން. އަދި އެ ލާރި ރީއެމްބާސް ކޮށްދެއްވާނެކަން. އެ ވާހަކަތައް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ސައުދީ ސަރުކާރާއެކު އެބަ ވާހަަކަ ދައްކަމުންދޭ. އަދި ސައުދީ ސަރުކާރުން އެ ހަރަދު ކުރައްވާނެކަން އަޅުގަނޑަށް ހަމަ ޔަގީން. އެއީ ނުކުރާނެ ކަމެއްގެ ގޮތުގައި ބަލައިގަނެގެނެއް ނޫން އަޅުގަނޑަށް ހަމަ ފުރިހަމަ ޔަގީންކަން އެބައޮތް އެކަން ވާނެކަން،" އަސްލަމް ވިދާޅުވި އެވެ.

ސަލްމާން މިސްކިތް ހުޅުވަން މިހާރު ތައްޔާރުވަމުންދަނީ އަންނަ އަހަރުގެ ރޯދަ މަހަށެވެ. ސަރުކާރުން ވަނީ އެކި ފަހަރުގެ މަތިން ސަލްމާން މިސްކިތް ހުޅުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފަ އެވެ. ނަމަވެސް މިސްކިތް ހުޅުވުން ތަފާތު ސަބަބުތަކާ ހެދި ވަނީ ލަސްވެފަ އެވެ. އެއީ އެ މިސްކިތަކީ ސައުދީ ރަސްގެފާނު ހަދިޔާ ކުރައްވާ މިސްކިތަކަށްވެ، އެ މިސްކިތް ހުޅުވަން ސައުދީގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވާތީ އެވެ. އެ ދަތުރު ކުރަން ދަތިވެފައި ވަނީ ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވެފައިވާތީ މިވަގުތު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ރައްކާތެރި ކަމަކަށް ނުވާތީ ކަމަށްވެސް ދިވެހި ސަރުކާރުން ބުނެ އެވެ.