ރ. ދުވާފަރުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ގޮތްޕެއް ހުޅުވައިފި އެވެ.
ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެެއްގައި ޕީޖީ އޮފީހުގެ ގޮފި ހުޅުއްވައިދެއްވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ރ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު އެވެ.
މިރަސްމިއްޔާތުގައި ޕީޖީ ޝަމީމް ވިދާޅުވީ ރ. އަތޮޅުގައި ޕީޖީގެ އޮފީހެއް ގާއިމުކުރުމަކީ މަސައްކަތް ކުރުމުގައި ފަސޭހަތަކެއް ލިބި، ރައްޔިތުންނަ ގާތުން ހިދުމަތް ދިނުމަށް ފަސޭހަ ވާނެ ކަމަށެވެ.
ރ. އަތޮޅަކީ ޖިނާއީ ކުށްތަކާ ގުޅޭ މައްސަލަތައް އެންމެ ގިނަ އިން ހުށަހެޅޭ އަތޮޅެވެ. އެކަން ފާހަގަކުރައްވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ އަތޮޅުން ލިބޭ މައްސަލަތައް ބަލައި ހާލަތު ދެނެގަންނާނެ ކަމަށެވެ. ރ. އަތޮޅު ޕީޖީ ގޮފީގެ ސަބަބުން ފުލުހުންނަށް ވެސް މަސައްކަތުގައި ލިބޭނެ ފަސޭހަތަކެއް ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ ކުށް ކުރާ މީހުންނަށް އަދަބު ދޭން ޖެހޭ ހާލަތްތަކުގައި އަދަބު ދީފައި، ކުށްވެރިން ކުށުގެ ވެށިން ނެރެ އެ މީހުން ހަމަ މަގަށް އަޅުވަން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެންވެ ބައެއް މީހުންގެ އަދަބު ލުއިކޮށް، އެފަދަ މީހުންނަށް އަނބުރާ މުޖުތަމައަށް ނިކުމެ އިސްލާހުވުމަށް ފުރުސަތު ދިނުމުގެ ގޮތުން ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރ. އަތޮޅުގައި ހުޅުވުނު ޕީޖީ އޮފީހަކީ އަތޮޅު ތެރޭގައި ގާއިމުކުރެވުނު ޕީޖީ އޮފީހުގެ 10 ވަނަ ގޮތްޕެވެ. ޕީޖީ އޮފީހުގެ ގޮފިތައް އިތުރު އަތޮޅު ތަކުގައިވެސް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.