ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި

Nov 24, 2021
2

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް މިއަދު އުފުލައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ރައީސް ޔާމީނަށް ކުރާ ދައުވާތައް

  • މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުންނާއި، އެ ގާނޫނުގެ 62 ވަނަ މާއްދާ (ހ)ގެ (1) ވަނަ ނަންބަރާއި (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ.
  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ.

ޕީޖީ އޮފީހުން ބުނީ ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އެހެންވެ އާރަށުގެ މައްސަލާގައި ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ، އެ މާއްދާގެ (ރ)ގެ ދަށުން ޔޫސުފް ނައީމުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މީގެކުރިން މަނީ ލޯންޑަރިންގެ ދައުވާ އުފުލީ ގދ. ވޮޑެމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކުރުމުގެ ކުށުގަ އެވެ. އެ ދައުވާ ސާބިތުވެ ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

އެ މައްސަލާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފީ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިދު އަދި ޑރ. މުހައްމަދު އިބްރާހީމް އެވެ.
މިމައްސަލައިގެ އަޑުއެހުންތައް މިމަހުގެ 18 ވަނަ ދުވަހު ނިންމާލީ އަންނަ މަހު ސުޕްރީމް ކޯޓު، ޗުއްޓީއަށް ދިއުމުގެ ކުރިން މައްސަލާގައި ހުކުމްކުރައްވާނެ ކަމަށް އިއުލާންކުރުމަށްފަހު އެވެ.