ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑްރިން އަދި ޚިޔާނާތުގެ މައްސަލަތައް ރިވިއުކޮށްދީ، މައްސަލަތައް އަނބުރައި ނެގުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
ޖިނާއީ މައްސަލަތަކުގައި ދައުލަތުން ކޮށްފައި ހުރި ދައުވާތަކާއި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކުރަން އެދުމުގެ ފުރުސަތު ޕީޖީ އޮފީހުން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލިއިރު، އެ ފުރުސަތުގައި ޖުމްލަ 539 މައްސަލައެއް ރިވިއުކުރަން ޕީޖީ އޮފީހަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ވ. އާރަށް އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ މައްސަލަތައް ވެސް ހިމެނެ އެވެ. އެ މައްސަލަތައް އޮތީ ކްރިމިނަލް ކޯޓުގައެވެ.
ޔާމީންގެ ފަރާތްޕުޅުން ރިވިއުއަށް ހުށަހެޅި އެއް މައްސަލައަކީ ހައިކޯޓުގެ އަމުރަކަށް ކްރިމިނަލް ކޯޓުން ބަލާ މައްސަލައެކެވެ. މި މައްސަލަ އަނބުރާ ޕީޖީއަށް ގެންދެވިދާނެތޯ މިއީ ގާނޫނީ ސުވާލެކެވެ. އެކަމަކު އަނެއް މައްސަލައަކީ، ޕީޖީން ހުށަހަޅައި އަދި ހުކުމަކާ ހަމައަށް ނުދާ މައްސަލައެކެވެ. އެ މައްސަލަ އަނބުރައި ގެންދިޔުމަކަށް ގާނޫނީ ހުރަހެއް އޮތް ކަމަކަށް ނުފެނެއެވެ.
ޔާމީންގެ އެދިވަޑައިގެންނެވުމާ އެއް ގޮތަށް އަދި މިހާތަނަށް މި ދައުވާތަކާ މެދު ޕީޖީ އޮފީހުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.