މޯލްޑިވްސް ނޭޝަނަލް ޕާޓީ

ދިހަހާސް މެންބަރުން ހަމަކުރެވިއްޖެ: ނާޒިމް

މި ފަހުން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް 10،000 މެންބަރުން ހަމަކުރެވިފައިވާކަން އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އިއުލާނު ކުރައްވައިފި އެވެ.

އެމްއެންޕީން ވަނީ މި އަހަރު ނިމުމުގެ ކުރީން 10،000 މެންބަރުން ހަމަކުރުމަށް އަމާޒު ހިފާ މަސައްކަތް ފަށާފައެވެ.

ނާޒިމް ދެންމެ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10000 އަށްވުރެ އިތުރު ކުރުމަށްޓަކާ މަސައްކަތްކޮށްދެއްވި ޕާޓީގެ ހުރިހާ މެންބަރުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެމްއެންޕީއަކީ ކުރިމަގު އުޖާލާ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.

އެމްއެންޕީއަކީ ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެވެ. ނަމަވެސް އެއީ އެންމެ އަވަހަށް ރަޖިސްޓްރޭޝަންގެ މަރުހަލާ ނިންމި އަދި މެންބަރުންގެ އަދަދު 10،000 އަށް ގެންދިޔަ ޕާޓީއެވެ.

އެމްއެންޕީން ވަނީ މެންބަރުންގެ ހޯދުމަށް އަތޮޅުތަކާއި މާލެ އަދި ހުޅުމާލޭގައި ހަރަކާތްތަކެއް ހިންގާފައެވެ. އެ ހަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.