މޫސުން

މޫސުން ގޯސް، 12 އަތޮޅަކަށް އެލާޓް

މޫސުން ގޯސްވެ ރާއްޖެއަށް ކުރާ ވިއްސާރައިގައި 12 އަތޮޅެއްގެ މޫސުން އިތުރަށް ގޯސްވާނެތީ ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން މިއަދު އެ އަތޮޅުތަކަށް ވައިޓް އެލާޓެއް ނެރެފި އެވެ.

ވައިޓް އެލާޓް ނެރެފައިވަނީ އުތުރުގެ ހއ. އަތޮޅުން ފެށިގެން މެދު އަތޮޅުތަކުގެ ވ. އަތޮޅާ ހަމައަށެވެ. އެ އަތޮޅުތަކަށް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:00 އިން މެންދުރުފަހު 2:00 ޖެހުމާ ހަމައަށެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ އެ ވަގުތު ތަކުގައި އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވާނެ ކަމާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށެވެ.

އެލާޓް އޮތް އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވާން މެޓް އޮފީހުން އިލްތިމާސް ކޮށްފައިވާއިރު ދަތުރު ކުރާއިރު ލައިފް ޖެކެޓް އެޅުމަށާއި ކަނޑުދަތުރުފަތުރުގެ އުސޫލަށް އަލަށް ގެނައި އިސްލާހުތަކަށް އަމަލު ކުރަން ވެސް އެދިފައި ވެއެވެ.