މެލޭޝިޔާގެ ވެރިރަށް، ކުއަލަ ލަމްޕޫރުގެ އެއާޕޯޓުގައި ހަވާލުވާނެ މީހަކު ނެތިފައި އޮތް ބޮއިންގެ 747 މަރުކާގެ ތިން ބޯޓާ ވެރިފަރާތުން ހަވާލު ނުވެއްޖެ ނަމަ އެ ބޯޓްތައް ނައްތާލާނެ ކަމަށް ބުނެ، މެލޭޝިޔާ އެއާޕޯޓްސް އިން ނޯޓިސް އެއް ނެރެފި އެވެ.
މެލޭޝިޔާ އެއާޕޯޓްސް އިން ބުނީ އެތިން ބޯޓަކީ އެކުންފުނީގެ ބޯޓުތަކެއް ނޫން ކަމަށެވެ. އަދި އެބޯޓުތަކުގެ ވެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މެލޭޝިޔާގެ ނޫސްތަކުގައި ޖަހާފައިވާ ނޯޓިސްގައި ބުނެފައިވާ ގޮތުގައި ކުރިއަށް މިއޮތް 14 ދުވަހުގެ ތެރޭގައި މި ބޯޓުތަކާއި ހަވާލުވާނެ ފަރާތެއް ނުވެއްޖެނަމަ އެބޯޓުތައް ވިއްކާލާނެ ނުވަތަ ނައްތާލާނެ ކަމަށެވެ. އެ ބޯޓު މެލޭޝިޔާ އެއާޕޯޓްގެ އޭޕްރޮންގައި އޮންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
މެލޭޝިޔާ އެއާޕޯޓްސް އިން ތުހުމަތު ކުރާ ގޮތުގައި އެބޯޓުތަކަކީ ބާވެ، ބޭނުން ނުކުރެވޭ ބޯޓުތައް ދުނިޔޭގެ އެކި ގައުމުތަކަށް އުކާލާ ކަމަށް ނަން މަޝްހޫރުވެފައިވާ، "އެއާ އެޓްލާންޓިކް އައިސްލޭންޑިކް" ކުންފުނީގެ ބޯޓުތަކެކެވެ. އެހެން ނަމަވެސް އެއާ އެޓްލާންޓާ އައިސްލޭންޑިކްގެ ނައިބު ރައީސް ބެލްދްވިން ހާމަންސަން ބުނީ މިތިން ބޯޓަކީ 2010 ވަނަ އަހަރާއި ހަމައަށް އެކުންފުނިން "އޮޕަރޭޓް" ކުރި ބޯޓުތަކެއް ކަމަށާއި އެބޯޓުތައް ދަތުރުތައް ހުއްޓާލުމަށްފަހު އޭގެ ވެރިޔާ އާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެބޯޓުތަކަކީ ކާކުގެ ބޯޓުތަކެއް ކަން ނޭނގޭ ކަމަށާއި އެބޯޓުތައް މިހާރު އެކުންފުންޏަށް ބޭނުންނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާ ބުނީ އެބޯޓުތައް ވަނީ 2011 ވަނަ އަހަރުގެ ޖޫން މަހު އަދި 2012 ވަނަ އަހަރުގެ ޖެނުއަރީ މަހު އައިސްލޭންޑިކް ސިވިލް އޭވިއޭޝަން އޮތޯރިޓީގައި އަލުން ރަޖިސްޓްރީކޮށްފައި ކަމަށެވެ.
މެލޭޝިޔާގެ ނޫސްތަކުގައި ބުނީ މި ބޯޓުގެ ވެރި ފަރާތުން ހަވާލު ނުވެއްޖެ ނަމަ، ބޯޓު ވިއްކާލައިގެން ލިބޭ ފައިސާ ހަރަދުކުރާނީ އެބޯޓުތަކުގެ ވެރި ފަރާތުން އެއާޕޯޓަށް ދައްކަންޖެހޭ ޖޫރިމަނާ އާއި އެހެނިހެން ފައިސާ ދެއްކުމަށް ކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރަނީ ކުންފުންޏަށް ލިބިދާނެ މާލީ ގެއްލުމަކުން ސަލާމަތްވާންވެގެން ކަމަށްވެސް ބުނެފައިވެ އެވެ.