މާލެ ސިޓީ ކައުންސިލަށް އާންދަނީ ހޯދޭނެ ބައެއް މަގުތައް ސަރުކާރުން ބަން ދުކުރާކަން ފާހަގަ ކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވާ މުއިއްޒު މިއަދު ވިދާޅުވީ އާމްދަނީ ހޯދޭނެ ގޮތްތައް ހޯދައި އެކަން ކަމަށް މަގުފަހި ކޮށްދިނުމަށް ވަރަށް ގިނައިން ސަރުކާރުގައި އެދޭ ކަމަށެވެ. ނަމަވެސް އޭނާއަކީ ސިޔާސީ ގޮތުން މިހާރުގެ ސަރުކާރާ އިދިކޮޅު ބޭފުޅަކަށް ވުމުން ދަތި ކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.
ޓީޖެޓީ މާލެ ސިޓީ ކައުންސިލަށް ދަށަށް އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެތަން ކައުންސިލްގެ ދަށުން ނެގުމަށްފަހު އެމްޕީއެލްގެ ދަށަށް ބަދަލު ކުރުމުން ކައުންސިލަށް ލިބެމުން އައި އާމްދަނީ ހުއްޓިފައިވާ ކަމަށް އިޝާރާތް ކުރައްވާ މޭޔަރު ވިދާޅުވީ އެ ފައިސާ ކައުންސިލަށް ލިބޭނަމަ މާލޭގެ ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތަކަށް ހަރަދު ކުރެވޭނެ ކަމަށެވެ.
އެމްޕީއެލް އާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. މުއިއްޒު ވިދާޅުވީ ގާނޫނީ ގޮތުން އެތަން އަދިވެސް އޮތީ ކައުންސިލްގެ ދަށުގައި ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެކަން ކޮށްދޭންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ރައީސް އޮފީހުގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ. ރައީސް އޮފީހުގެ އެ ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ވެސް ހިލާފު އަދި މާލޭގެ ރައްޔިތުންގެ ކުރިއެރުމަށް ވެސް އޮތް ހުރަހެއް ކަމަށް ފާހަގަ ކުރެއްވި އެވެ.
"އެނގިވަޑައިގަންނަވާނެ އަޅުގަނޑު މަގާމާ ހަވާލުވިއިރު ދެންނެވިން ސަރުކާރާ އެކީގަ ވަރަށް މަސައްކަތް ކުރާނަމޭ. އަލި ހައްލު ނުވެ ކަމެއް އޮތިއްޔާ ރައްޔިތުންނަށް އެކަން ދަންނަވާނަމޭ. ކައުންސިލަށް ލިބެނީ ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާ އެކަނި. އާމްދަނީ އިތުރު ކުރުމަށް މިކަހަލަ ވަރަށް ގިނަ ކަންކަން ކުރަން ކައުންސިލުން ނިންމަން،. އެކަމަކު ރައީސް އޮފީހުން މިވަނީ އެކަން ނުކޮށްދޭން ނިންމައި ސިޓީން އެކަން އަންގާފައި،" މުއިއްޒު ވިދާޅުވި އެވެ.
ސިޔާސީ ގޮތުން އެފަދަ ފިއްތުންތައް ސަރުކާރުގެ ފަރާތުން އައި ނަމަވެސް އެ ނިންމުން މުރާޖައާކޮށް ދޭން އެދި ވަޑައިގަންނަވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރުގެ ކައުންސިލްގައި އެމްޑީޕީ މެމްބަރުން ތިބި ނަމަވެސް މަސައްކަތް ކުރަމުން އަންނަނީ އެއް ޓީމެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ކައުންސިލުން ސަރުކާރުން އަންގާ އެންގުންތަކަށް އެއްބާރުލުން ދޭ ކަމަށެވެ. އެގޮތުން ސެކިއުރިޓީ ސަބަބުތަކަށްޓަކައި ސަރުކާރުން އަންގާ އެންގުންތަކަށް ތަބާވާ ކަމަށެވެ.
"މިސާލަކަށް ވެލާނާގެ ސަރަހައްދަކީ އެންމެ ތާށި އެއްތަން. އެތަނުގަ ސެކިއުރިޓީ ސަބަބުތަކަށްޓަކާ ޕާކު ނުކުރެވޭނެއޭ ސަރުކާރުން ނިންމީ. ކައުންސިލުން އެކަމާ ދެކޮޅު. އޮފީސްތަކުގެ މީހުންނަށް ކިތަންމެ އުނދަގޫ ވިޔަސް އެގޮތަށް އެންގީމަ އެތާ ޑަބަލް ރޮނގު ދަމާލީ. އެހެންވީމަ އެގޮތަށް ކިތަންމެ ކަމެއް އަޅުގަނޑުމެން އެބަކުރަން،" މުއިއްޒު ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ސަރުކާރުން ހުރަސް އެޅިނަމަވެސް މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.