މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ކުލީ ބިންތަކުގެ މުއްދަތު އިތުރުކުރުމުގެ ބާރު ކައުންސިލްތަކަށް

ދައުލަތުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ އެގްރީމެންޓް އާކުރުމުގެ ބާރު ކައުންސިލްތަކަށް ދީފި އެވެ. ކުރިން މި ބާރު އޮންނަނީ ޕްލޭނިން މިނިސްޓްރީ އަށެވެ.

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސް އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ. އެ ގަވައިދަށް ޕްލޭނިން މިނިސްޓްރީން ވަނީ އަށް އިސްލާހެއް ގެނެސްފަ އެވެ.

އެގޮތުން ގަވައިދަށް ގެނައި އިސްލާހު ތަކުގެ ތެރޭގައި ބިން ދޫކުރާނީ ރަށެއްގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލުން އަދި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުންނެވެ. އަދި ކައުންސިލްތަކުގެ އިހްތިސޯސްގައި ނުހިމެނޭ ދައުލަތުގެ ބިންތައް ހަވާލުކުރާނީ ޕްލޭނިން މިނިސްޓްރީން ކަމުގައި ވެސް ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން ބިންތައް ދޫކުރަން ވާނީ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ފަހު އެއާ އެއްގޮތަށް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. ތަފާތު ބޭނުންތަކަށް ރަށްތަކާއި ސިޓީތަކުގައި ބިންތައް ކަނޑައަޅަން ވާނީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލުންނެވެ. އަދި ބިން ދޫކުރާ މުއްދަތު ކަނޑައަޅާނީ ވެސް ކައުންސިލްތަކުން ކަމަށްވެސް ގަވައިދުގައިވެ އެވެ.

ގަވައިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ ބިމުގެ ކުލީގެ މުއްދަތު އިތުރު ކުރާ ނަމަ، މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ސަބަބުތަކުގެ އެސެސްމަންޓެއް ހަދަންޖެހެ އެވެ. އަދި މާކެޓުގެ ރޭޓުތަކަށް ބެލުމަށްފަހު، އަގަށް ބަދަލު ގެނައުމުގެ އިހްތިޔާރު ވެސް ލިބެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި އެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށްފަހު ސިޓީ އަދި ރަށު ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ.