މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ބިމު ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް

Feb 20, 2022

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ އެރަށެއްގެ ކައުންސިލްތަކަށް ކަން ކަނޑައަޅައި ގަވާއިދު އިސްލާހުކޮށްފި އެވެ.

މި ބަދަލު ގެނެސްފައި ވަނީ "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދަށް" ގެނައި ހަތަރުވަނަ އިސްލާހުގަ އެވެ.

މިއަދު ގެޒެޓްކޮށްފައިވާ އިސްލާހު ބުނާ ގޮތުގައި، އެކިއެކި ބޭނުންތަކަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ އެރަށެއްގެ ނުވަތަ އެ ސިޓީގެ ތަނަވަސްކަމަށާއި، އިގްތިސޯދީ ފުދުންތެރިކަމަށް އަދި ބިމުގެ ޑިމާންޑަށް ބަލައި ކައުންސިލްތަކުން ކަމަށެވެ. އަގު ކަނޑައަޅާއިރު އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ އަގުތަކަށް ރިއާޔަތްކުރަން ވާނެ ކަމަށް ވެސް ގަވާއިދު ބުނެ އެވެ.

މި އަގުތައް ކޮންމެ ދެ އަހަރަކުން އެއް އަހަރު މުރާޖައާ ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެކިއެކި ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ކުލި ތަފާތު ކުރުމުގެ އިހުތިޔާރު ވެސް ކައުންސިލްތަކަށް ލިބިގެންވާ ކަމަށް ގަވައިދުގައި ވެއެވެ.

ނަމަވެސް ފަތުރުވެރިކަމަށް ދޫކުރާ ބިންތައް ދޫކުރަން ޖެހޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތަށެވެ.

ގަވާއިދު ބުނާ ގޮތުގައި އަގުތައް ކަނޑައެޅުމަށްފަހު ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ވެސް ޖެހެ އެވެ.

މީގެ ކުރިން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ ކުލި ކަނޑައަޅަމުން އައީ ޕްލޭނިން މިނިސްޓްރީގެ ލޭންޑް ވެލުއޭޝަން ކޮމިޓީންނެވެ.