ލައިފްސްޓައިލް

ވިހަން ބަނޑުގައި ރިހެން ފެށުމުން ބައިސްކަލުގައި ހޮސްޕިޓަލަށް

ގިނަ ގައުމުތަކުގައި ސިޔާސީ މީހުންނަކީ އާދައިގެ ބައިސްކަލްތަކުގައި މަގުމަތީގައި އުޅޭތީ ފެންނަ ބައެއް ނޫނެވެ. ނަމަވެސް ނިއުޒިލެންޑްގެ މިނިސްޓަރުންނާއި ޕާލަމެންޓް މެންބަރުންނަކީ ވަރަށް ތަފާތު ބައެކެވެ. އެ ގައުމުގެ ސިޔާސީ ދާއިރާގައި ގިނަ އަދަދެއްގެ ކަނބަލުން މަސައްކަތްކުރާއިރު އެ ބޭފުޅުންދަނީ މުޅި ދުނިޔެއަށް މިސާލު ދައްކަމުންނެވެ. އަދި އޮފީހަށް ދިއުމަށާއި އާއްމު ދިރިއުޅުމުގައި މީގެ ތެރެއިން ގިނަ ސިޔާސީ މީހުން ބައިސްކަލުގައި އުޅުމަކީ އާއްމު ކަމެކެވެ.

އެގޮތުން ދާދި މިދާކަށް ދުވަހު އެ ގައުމުގެ އަންހެން އެމްޕީއަކު ވިހަން ބަނޑުގައި ރިހެން ފެށުމުން ބައިސްކަލެއް ދުއްވާފައި ހޮސްޕިޓަލަށް ގޮސް ވިހާފައި ވެއެވެ.

އެމްޕީ ޖޫލީ އޭން ގެންޓާ މިދިޔަ އާދިއްތަ ދުވަހު ވިހަން ބަނޑުގައި ރިހެން ފެށުމުން ބައިސްކަލަށް އަރައި ހޮސްޕިޓަލާ ދިމާލަށް ދަތުރު ފެށި އެވެ. އޭނާ އާއެކު ފިރިމީހާ ވެސް އެހެން ބައިސްކަލެއްގައި ދިޔަ އެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި ޖޫލީ ބައިސްކަލުގައި ހޮސްޕިޓަލަށް ދިޔަތާ ގަޑިއެއްހާއިރުތެރޭ ވަނީ ވިހާފަ އެވެ. މިފަހަރު މި ވިހެއީ ދަރިފުޅަކީ ޖޫލީ އަށް ދެވަނަ އަށް ލިބުނު ދަރިފުޅެވެ. މިއީ މިގޮތަށް ބައިސްކަލު ދުއްވާފައި ހޮސްޕިޓަލަށް އައިސް ޖޫލީ ވިހޭ ފުރަތަމަ ފަހަރެއް ނޫނެވެ. ފުރަތަމަ ދަރިފުޅު ވެސް އޭނާ ވިހެއީ ހަމަ މިގޮތަށް ބަނޑުގައި ރިހެން ފެށުމުން ބައިސްކަލުގައި ހޮސްޕިޓަލަށް ގޮހެވެ.

ވިހެއުމަށްފަހު ފޭސްބުކްގައި ޖޫލީ ޝެއާކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ދަރިފުޅު އުފަންވެފައިވަނީ ފަތިހު 3.04 ގައެވެ.
"ބަނޑުގައި ރިހެން ފެށުމުން ބައިސްކަލުގައި ހޮސްޕިޓަލަށް ދެވުނީ ހަމަ ހަގީގަތުގައި ވެސް އަހަރެން ދުރާލާ އެކަން ކުރަން ރާވައިގެނެއް ނޫން. ނަމަވެސް ކޮންމެ ފަހަރަކުވެސް އެފަދަ ހާލަތެއް މެދުވެރިވަނީ،" ޖޫލީ ލިޔެފައިވެއެވެ.

ޖޫލީ ބުނި ގޮތުގައި ފިރިމީހާ އާއެކު ހޮސްޕިޓަލަށް ދާން ނުކުތްއިރު އެހާ ގަދަޔަށް ބަނޑުން ވޭންވަރެއް ނުނަގަ އެވެ. ނަމަވެސް ބައިސްކަލު ދުއްވާފައި ހޮސްޕިޓަލާ ހަމައަށް ދެވުނުއިރު ބަނޑުގައި ވަރަށް ގަދަޔަށް ރިހެ އެވެ.

ނަސީބަކުން ވިހެއުމުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމާނުވީތީ އުފާކުރާ ކަމަށާއި ހޮސްޕިޓަލަށް ދިޔަތާ ކުޑަ އިރުކޮޅެއް ތެރޭގައި ވިހޭ ދަރިފުޅު ހިތްގައިމު ކަމާއެކު ކައިރީގައި ނިދާލާފައި އޮއްވާ ފެނުމުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށް ޖޫލީ ބުނެފައި ވެއެވެ.