ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތައުލީމީ ދާއިރާގެ ރިސާޗް ގުރޫޕާ ރައީސް ބައްދަލުކުރައްވައިފި

Nov 30, 2021

ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށްޓަކައި އެކުލަވާލާފައިވާ ރިސާޗް ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު ބައްދަލުކުރައްވައި އެ ދިރާސާގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނައިބް ރައީސް ފައިސަލް ނަސީމާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ތައުލީމީ ދާއިރާއިން ކުރިއަށްގެންދާ މި ދިރާސާގެ މުހިއްމުކަން ފާހަގަކުރައްވައި މިއީ ތައުލީމީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެ އެ ދާއިރާއަށް މީހުން ޝައުގުވެރިކަން ކުޑަވާ ސަބަބުތައް ހޯދުމަށް މުހިއްމު ދިރާސާއެއްކަން ފާހަގަކުރައްވާ ފައެވެ. މިކަމަކީ ސްކޫލްތަކުގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށާއި ޓީޗަރުންގެ ގާބިލުކަން އިތުރުކުރުމަށާއި ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ކުރާ މަސައްކަތަށާއި އަދި ސްކޫލްތަކުގެ ތެރެއަށް ވަންނަމުންދާ ސްކޫލްގެ މާހައުލާ ނުގުޅޭ ފިކުރުތަކާއި ކަންކަމަށް ފިޔަވަޅު އެޅުމަށް އެހީތެރިވެދޭނެ މުހިއްމު މަސައްކަތެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލާފައިވާ މި ގުރޫޕުން ފުރިހަމަ ދިރާސާއެއް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމުގައިވެސް ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ މި ދިރާސާގެ މުހިއްމުކަން ފާހަގަކުރައްވައި ދިރާސާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން ސްކޫލްތަކުގައި އަދި ތައުލީމީ ދާއިރާގައި ހުރި ރަނގަޅުކުރަންޖެހޭ މުހިއްމު އެތައް ކަމެއް ހިއްސާކުރައްވާފަ އެވެ.

ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށްޓަކައި އެކުލަވާލާފައިވާ ހަ ބޭފުޅުންގެ މައްޗަށް އެކުލެވޭ މި ގުރޫޕުގައި ތައުލީމީ ދާއިރާއާ ގުޅޭ އެކި ރޮނގުތަކުގެ ހާއްސަ ތަޖުރިބާކާރު ބޭފުޅުން ހިމެނެ އެވެ. މި ގުރޫޕުން ކުރިއަށް ގެންދާ މި ދިރާސާގެ ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވަމުން މިހާރު ދިރާސާގެ ޕްރޮޕޯސަލް އެޕްރޫވްކޮށް މައުލޫމާތާއި ޑޭޓާ އެއްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ގުރޫޕްގެ ބޭފުޅުން ވިދާޅުވި އެވެ. އެގޮތުން ދިރާސާގެ ސާމްޕަލް ކަނޑައަޅައި ފޯކަސް ގުރޫޕްތަކުގެ އިންޓަވިއުތައް މިހާރު ކުރިއަށް ގެންދާ ކަމަށާއި އަދި ޓީޗަރުންގެ ސާވޭ ކަރުދާސްތައް ފޮނުވަން ތައްޔާރުވަމުންދާ ކަމުގައިވެސް ވިދާޅުވި އެެވެ.