ދިވެހިބަހުގެ ރަދީފުގައި ކޮށާރަކީ ބަނޑަހަގެ އެކެވެ. އެއީ ނިރޮޅުން ނުވަތަ ގަސްވަކަރުން ހަދައިފައި ހުންނަ ތަކެތި ރައްކާކުރާ ތަނެކެވެ. މިއީ އިހު ޒަމާނުގައި ކާޑުގެ ބާވަތްތަކާއި އާއްމުކޮށް ގެއަށް ބޭނުންވާ އެފަދަ އެހެން ތަކެތި ފަހަށް ރައްކާ ކޮށްފައި ބަހައްޓާ ތަނެެވެ. ކުރީގެ ބައެއް އާއިލާ ތަކުން ބޭނުން ކުރި މިފަދަ ބައެެއް ކޮށާރުތައް މިހާރު ވެސް އެބަހުއްޓެވެ. އެކަމަކު ޒަމާން ބަދަލު ވެއްޖެ އެވެ. ޒަމާނަށް އައި މި ބަދަލާއެކު ކޮށާރު މޮޑާންވެ މި ވަނީ ޑިޖިޓަލްވެފަ އެވެ. މި ކޮށާރު ޒަމާނަށް ފައްތާލައި އަލުން ނެރެފައި މިވަނީ ޕެންޝަން އޮފީހުންނެވެ. އެ އޮފީހުގެ ޕެންޝަން ސާވިސަސް ޕޯޓަލަށް ކިޔަނީ ކޮށާރެވެ. މިއީ ތަފާތު ކޮށާރެކެވެ.
ޕެންޝަން އޮފީހުގެ ކޮށާރަކީ އެ އޮފީހުގެ ހުރިހާ ހިދުމަތްތައް ދުނިޔޭގެ ކޮންމެ ތަނަކުން، މެދުނުކެނޑި 24 ގަޑިއިރު ހޯދޭގޮތަށް ތައްޔާރުކޮށް ހިދަމަތްދޭ އޮންލައިން ޕޯޓަލް އެކެވެ. މި ސިސްޓަމް ފަރުމާކޮށްފައިވަނީ ބޭނުން ކުރަން ފަސޭހައިން އެ އަށް ބަރޯސާވެ ކޮންމެ ވަގުތަކު ވެސް ހިދުމަތް ހޯދޭނެ ފަދަ ސިސްޓަމަކަށްވުމުގެ އިތުރުން ޑޭޓާގެ ރައްކާތެރި ކަމަށް ވެސް އިސްކަން ދީގެންނެވެ.
މި ޕޯޓަލްގައި ޕެންޝަން އޮފީހުގެ ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ތެރެއިން ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ މެންބަރުންނާއި ޕެންޝަނަރުން އަދި ވަޒީފާދޭ ފަރާތްތަކަށް ހާއްސަ ހިދުމަތްތައް ހިމެނިފައިވުމުގެ އިތުރުން ޕޯޓަލް ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަން ހޯދޭނެ ލައިވް ޗެޓް ފީޗާއެއް ވެސް ހިމެނިފައިވެ އެވެ.
މި ޕޯޓަލް އިން ލިބެންހުރި ވަކިވަކި ހިދުމަތްތަކަށް ބަލާއިރު ވަޒީފާ އަދާ ކުރާ ފަރާތެއްނަމަ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓްރީ ވުމާ ހަމައިން، އެ މީހަކަށް ބޭނުންވާ ހިދުމަތްތައް ކަމަށްވާ ޕެންޝަން އެކައުންޓުގެ ތަފްސީލު ބެލުމާއި ޕޯޓްފޯލިއޯ ބަދަލު ކުރުމާއި ސްކީމުން ލިބޭ ބެނެފިޓްސްތަކުގެ ތަފްސީލު ބެލުމާއި ޕެންޝަން ޕްލޭން ކުރުމަށް ބޭނުން ކުރާނެ ކަލްކިއުލޭޓަރު ފަަދަ ޓޫލްސްތައް ބޭނުންކުރެވޭނެ އެވެ.
ޕެންޝަނަރެއްނަމަ ކަރުދާސް ފޯމު ޕްރިންޓްކޮށް ފިންގަ ޕްރިންޓް ޖަހައި ސްކޭންކޮށް ކިއުގައި ޖެހި ފޯމު ހުށަހެޅުމުގެ ބަދަލުގައި ފަސޭހައިން އޮންލައިންކޮށް ޕެންޝަނަށް އެދި ހުށަހެޅުމުގެ އިތުރުން އެ މީހެއްގެ ޕެންޝަން ޖަމާވާ ބޭންކު އެކައުންޓާއި އެނޫން ވެސް މައުލޫމާތު ވަގުތުން ވަގުތަށް ބަދަލު ކުރެވޭނެ އެވެ. މީގެ އިތުރުން މި ސިސްޓަމުގެ މުހިންމު އެއްބައި ހާއްސަކުރެވިފައިވަނީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާދޭ ފަރާތްތަކަށް ލާޒިމްވާ ޕެންޝަން ކޮންޓްރިބިއުޝަންގެ މަސައްކަތްތައް ކުރުމަށެވެ. އެގޮތުން ވަޒީފާދޭ ފަރާތުން މުވައްޒަފުންގެ ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމާއި ގުޅޭ ސްޓޭޓްމަންޓްތައް ނެގޭނެ އެވެ.
މީގެ އިތުރުން ރެކޯޑް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތެއް މި ސިސްޓަމް މެދުވެރިކޮށް ކުރެވޭނެ އެވެ.
ގިނަބަޔަކު އަބަދުމެ އަަވަދިނެތި އުޅެންޖެހިފައިވާ މި ޒަމާނުގައި ޕެންޝަން އޮފީހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހޯދައި ދެވުނު މި ފަސޭހައިގެ ސަބަބުން އެތައް ބައެއްގެ ފައިސާ އާއި ވަގުތު ސަލާމަތްވެ، އަގު ނުކުރެވޭހާ ފައިދާ މުޅި މުޖުތަމަ އަށް ވެސް ލިބިގެންދާނެ އެވެ.