ދުނިޔެ

ޓައިމް މަޖައްލާގެ "ޕާސަން އޮފް ދަ އިޔާ" އަކީ އެންޖެލާ މާކެލް

Dec 10, 2015

މިއީ ޔަގީނަށް ވެސް އަންހެނުންގެ ބާރުވެރިކަމަށް ކެމްޕޭންކުރަމުންދާ ދުނިޔޭގައި އަންހެނުންނަށް ލިބިގެން ދިޔަ ވަރަށް ވެސް ބޮޑު ބާރެކެވެ. އެމެރިކާގެ މަޝްހޫރު ނޫސް މަޖައްލާ ޓައިމްގެ އަހަރީ އަދަދު ކަމުގައިވާ "ޓައިމް ޕާސަން އޮފް ދަ އިޔާ" ގެ މަގާމަށް ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލް ހޮވާފައިވާއިރު މިއީ މި ޝަރަފް ޓައިމް މަޖައްލާ އިން ފާއިތުވި 29 އަހަރުގެ ތެރޭގައި އަންހެނަކަށް ދިން ފުރަތަމަ ފަހަރެވެެ.

އެންމެފަހުން މި ޝަރަފް ލިބިވަޑައިގެންނެވި އަންހެން ލީޑަރަކީ ފިލިޕީންސްގެ ކުރީގެ ރައީސް، ކޮރާޒޮން އެކްއިނޯ އެވެ. އެއީ 1986 ވަނަ އަހަރު އެވެ. އެންޖެލާ މާކެލް އަކީ މި ޝަރަފް ލިބިވަޑައިގެންނެވި ހަތަރު ވަނަ އަންހެނާ އެވެ.

އަނެއް ދެ އަންހެން ލީޑަރުންނަކީ އިނގިރޭސި ރާނީ ކްއީން އެލިޒަބަތު ދެ ވަނަ އާއި އެމެރިކާގެ ވެލިސް ސިމްޕްސަން އެވެ.

މި ހަތަރު އަންހެނުން ފިޔަވައި މީގެ ކުރިން އެހެން އަންހެނުންނަށް ޕާސަން އޮފް ދަ އިޔާގެ ޝަރަފް ލިބިފައި ވަނީ ގްރޫޕަކަށް ނިސްބަތްވެގެންނެވެ. މާކެލް އާއި އެލިޒަބަތު އަދި ވެލިސް އާއި ކޮރާޒޮން އަކީ ޕާސަން އޮފް ދަ އިޔާގެ މަގާމަށް ހޮވުނު އިންޑިވިޖުއަލް އަންހެނުންނެވެ.

އުމުރުން 61 އަހަރުގެ މާކެލް ޕާސަން އޮފް ދަ އިޔާގެ މަގާމަށް ހޮވާފައި ވަނީ ޓައިމް މަޖައްލާގެ އެޓިޑަރުންގެ މިނިވަން ގްރޫޕަކުންނެވެ. މާކެލް ވަނީ މީގެ ކުރިން އެކި ފަހަރުމަތިން އެންމެ ނުފޫޒުގަދަ އަންހެން ލީޑަރުގެ މަގާމަށް ވެސް ހޮވައިފަ އެވެ.

ޕާސަން އޮފް ދަ އިޔާ ލިސްޓުގެ ދެ ވަނަ ލިބިފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ އަށެވެ. އޭނާ އަށް ދެ ވަނަ ލިބުނުއިރު ތިން ވަނަ ލިބިފައި ވަނީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ޓިކެޓްގައި ރިއާސީ ރޭހަށް ނުކުމެ ވަޑައިގަތުމަށް ކެމްޕޭންކުރައްވަމުން ގެންދަވާ އެމެރިކާގެ ބިލިއަނަރު، ޑޮނަލްޑް ޓްރަމްޕް އަށެވެ.

މި ލިސްޓެއް އާންމުކުރުމުން ޓްރަމްޕް ވަނީ އެއް ވަނަ ލިބިވަޑައިނުގަތުމުން ޝަކުވާ ވެސް ކުރައްވައިފަ އެވެ. އެގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެންމެ ބޮޑު ފެވަރިޓަކީ އޭނާ ކަމުގައިވިޔަސް ޓައިމް މަޖައްލާ އިން އޭނާ ނުހޮވާނެކަން ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

މިދިޔަ އަހަރު ޓައިމް އިން ޕާސަން އޮފް ދަ އިޔާގެ ޝަރަފް ދިނީ އެބޯލާ ވައިރަސްއާ ދެކޮޅަށް ހަރަކާތްތެރިވި މެޑިކަލް ޓީމަށެވެ. މީގެ ކުރިން މި މަގާމަށް ހޮވާފައިވާ މަޝްހޫރު މޫނުތަކަށް ބަލާއިރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ފޭސްބުކްގެ ފައުންޑާ އަދި ސީއީއޯ މާކް ޒަކަބާގް އާއި ޕޯޕް ފްރޭންސިސްގެ އިތުރުން ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން ވެސް ފާހަގަކޮށްލެވެ އެވެ.

ކުރީގެ މަޝްހޫރު ލީޑަރުންގެ ތެރެއިން އެމެރިކާގެ ކުރީގެ ރައީސް ރިޗަޑް ނިކްސަން އާއި އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާންދީ އާއި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ވިންސްޓޮން ޗާޗްލް އާއި ނާޒީ ޖަރުމަނުގެ ލީޑަރު އެޑޮލްފް ހިޓްލަރު ވެސް ފާހަގަކޮށްލެވެ އެވެ.