ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރައީސް ޔާމީންއަށް ހިމާޔަތްދޭން އިސްލާމީ ގައުމުތަކުން ހުށަހެޅި: ޑރ. ޝަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވިއިރު އެމަނިކުފާނަށް ހިމާޔަތްދޭން އިސްލާމީ ބައެއް ގައުމުތަކުން ހުށަހެޅި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު ޕީޕީއެމް / ޕީއެންސީން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޑރ. ޝަހީމް މިރޭ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިވަޑައިގެންނެވީ ވަރަށް ތަފާތު ޝަހުސިއްޔަތެއް ކަމަށާއި އިންސާފުގެ ކުރިމަތީގައި އިހުތިރާމްގެ އިސްޖެއްސެވި ވެރިއެއްގެ ގޮތުގައި ކަމަށެެވެ. އަދި އަމިއްލަ ނަފުސުގެ ދިފާއުގައި ސާބިތުކަމާއެކު ވަކާލާތު ކުރައްވަމުން އަންނަ ގައުމުގެ ޝަހުސިއްޔަތެއްގެ ގޮތުގައި ކަަމަށެވެ.

ޝަރީއަތުގެ ކުރިމަތީގައި އިލްމީ ހުއްޖަތާއި އެމަނިކުފާނުގެ ސާބިތުކަން ސާފުކޮށްދެއްވުމަށް ކުރެއްވި ވަކާލާތަކީ ދިވެހީން އަދުލުގެ ތާރީހުގައި ރަން އަކުރުން ލިޔަން ޖެހޭ ވާހަކައެއް ކަމަށެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމިން ޖަލުގައި ހުންނެވިއިރު އެމަނިކުފާނަށް ޖަލުން ސަލާމަތްވާން ކިތަންމެ ފުރުސަތެއް ލިބިވަޑައިގެންނެވި ކަަމަށެެވެ. ނަމަވެސް ރައީސް ޔާމީން އެގޮތް ބޭނުންނުވީ ކަމަށެވެ.

"ރައީސް ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު އިސްލާމީ އެކުވެރި ބައެއް ދައުލަތްތަކުން އެމަނިކުފާނަށް މެހުމާަންދާރީ ވެސް އެރުއްވި. އެކަމަކު އެމަނިކުފާނު ވިދާޅުވީ ގައުމު ދޫކޮށް ވަޑައިގަންނަވަން ބޭނުން ނޫން ކަމަށް. ޖަލުން ނުކުމެވަޑައިގަންނަވަން ބޭނުންފުޅުވަނީ މައުސޫމް މީހެއްގެ ގޮތުގައި. ކުށްވެރިއެއްގެ ގޮތުގައި ކަނޑައެޅިއްޖެ ކަމުގައި ވަނީނަމަ 100 އަަހަރަށް ޖަލުގައި ހުންނަވަން ޖެހުނަސް ރައީސް ޔާމީން ހުންނެވީ ޖަލުގައި ހުންނަވަން ތައްޔާރަށް. " ޑރ. ޝަހީމް ވިދާޅުވި އެވެ.

ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިރޭ ހާއްސަ ޖަލްސާއެއް ބާއްވާފައި މިވަނީ ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމާއި ގުޅިގެން މަރުހަބާ ދެންނެވުމުގެ ގޮތުންނެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ބާތިލްކޮށްފަ އެވެ. ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ މައްޗަށްކޮށްފައިވާ ހުކުމް ބާތިލްކޮށްފައި ވަނީ ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ތުހުމަތު ކުރާ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމާމެދު ޝައްކު އުފެދިގެންނެވެ. އެ ފައިސާގެ ހަގީގަތް ހޯދުމަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތަށް އަންގާފަ އެވެ.