ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އަސާސެއްނެތް ޒާތީ ބަދަލު ހިފުމެއްގެ ތެރެއިން އުފުލާފައިވާ ދައުވާއެއްކަން ހާމަވެފައިވާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް އިޚްތިޔާރުކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުގެ ވެރިން މަސައްކަތް ކުރެއްވި ކަމަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވުމާއި ގުޅިގެންނެވެ.
ޝަހީމް ވިދާޅުވީ ވަކިގޮތަކަށް ހުކުމް ކުރަން ގާޒީއަށް ބިރު ދެއްކުމަކީ ދީނާއި، ގާނޫނާއިވެސް ޚިލާފު ނާތަހުޒީބު އަމަލެއް ކަމަށެވެ.
"ގާޒީ ހައިލަމްގެ ބަޔާނުން ހޭދަވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އަސާސެއްނެތި ޒާތީ ބަދަލު ހިފުމެއްގެ ގޮތުގައި ކޮށްފައިވާ ދައުވާއެއް ކަން. ވަކި ގޮތަކަށް ހުކުމް ކުރަން ގާޒީއަށް ބިރު ދެއްކުމަކީ ދީނާއި، ގާނޫނާ ޚިލާފް ނާތަހުޒީބް އަމަލެއް. މިއަށް ހިކުމަތު އަމަލީއެއް ނުކިޔޭނެ." ޝަހީމް ވިދާޅުވިއެވެ.
ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ސަރުކާރުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ކުރެއްވީ މި މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށެވެ. ހުކުމް އިއްވުމުގެ އަޑުއެހުން އޮތީ ފަސް ވަނަ ދުވަހަށެވެ.
"ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުން، އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާންއާއެކު ހިނގި ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބަ އޮތްކަމާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ވެސް ދިން، އަދި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދިން،" ހައިލަމް ވިދާޅުވެފައިވެ އެވެ.
ހައިލަމްގެ ބަޔާނުގައިވާ ކަންކަން ސީރިއަސްކޮށް ބެލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.