ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލާގެ ޝަރީއަތް ދެން ކުރިއަށް ގެންދިޔުމަށް ބެންޗެއް އެކުލަވާލުމަށް ކުރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ރައީސް ޔާމީންގެ ފަރާތުން އެގޮތަށް އެދުނީ ކުރިމިނަލް ކޯޓުގެ ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސެއިންއަށް ފޮނުއްވި ސިޓީއެއްގަ އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލަ ބެއްލެވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް ގާޒީ ހައިލަމް ވަނީ ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޑްކުރީ މައްސަލާގެ ހުކުމް އިއްވުމުގެ އަޑުއެހުން އޮތް ދުވަހު އެ އަޑުއެހުމުގެ ކުރިންނެެވެ.
އޭނާ ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނެއް ޖަހާފައިވާ ކުރެހުމަކާއެކު ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ފޮނުއްވި މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ.
ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައި ބުނަނީ މައްސަލައެއްގެ ގާޒީއަކު އެ މައްސަލައެއް ބެލުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެ މައްސަލައެއް ދެން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅުއްވާނީ ހިންގުމާ ހަވާލުވެ ހުންނަވާ ގާޒީ ކަމަށެވެ. ކުރިމިނަލް ކޯޓުގައި މައްސަލަތައް ގާޒީންނާ ހަވާލު ކުރުމުގެ ބާރު ވެސް އޮންނާނީ ހިންގުމާ ހަވާލުވެ ހުންނަވާ ގާޒީއަށެވެ.
ގާޒީ އަލީ ރަޝީދާ ހިންގުން ޖޭއެސްސީއިން ހަވާލުކުރީ ގާޒީ ހައިލަމް ސަސްޕެންޑް ކުރުމަށްފަހު އެވެ.
އެންމެ ފުރަތަމަ މައްސަލާގެ ޝަރީއަތް ފެށިއިރު ވެސް ރައީސް ޔާމީން ބެންޗަކުން މައްސަލަ ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް ގާޒީ ހައިލަމް ނިންމެވީ އެކަނި މައްސަލަ ބެއްލެވުމަށެވެ. ބެންޗަކުން މައްސަލަ ބެލުމަކީ މަތީ ކޯޓުތަކުގެ ހާއްސަ ކަމެއް ކަމަށް އޭރު ގާޒީ ހައިލަމް ވިދާޅުވި އެވެ.
އާންމު ގޮތެއްގައި ބެންޗަކުން ކުރިމިނަލް ކޯޓުގައި މައްސަލަތައް ނުބަލަ އެވެ. އެންމެފަހުން ވެސް ބެންޗަކުން ބެލީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޝްވަތުގެ ދައުވާގެ ޝަރީއަތެވެ. އެ ޝަރީއަތުގައި ވެސް ފަހުން ބެންޗު އުވާލި އެވެ.