ރައީސް ޔާމީންގެ ޝަރީއަތް

ރައީސް ޔާމީންގެ ޝަރީއަތް މި މަހުގެ 17 އަށް ތާވަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުން ކުރަ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން "އަވަސް" އަށް ކަށަވަރުކޮށް ދިން ގޮތުގައި، ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގައި ބާއްވާ ގޮތަށް ހަމަޖައްސައި، މިހާރު ވަނީ ކްރިމިނަލް ކޯޓުން ޗިޓު ފޮނުވައިފަ އެވެ.

ޗިޓުގައިވާ ގޮތުން މައްސަލަ ކުރިއަށް ގެންދަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ސެކްޝަނުންނެވެ. މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ އެ ކޯޓުގެ ގާޒީ އަލީ ރަޝީދެވެ. ނަމަވެސް މައްސަލަ ބައްލަވާނީ ސީދާ ގާޒީ އަލީ ރަޝީދު ކަމެއް ޔަގީނެއް ނޫނެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ 17 އަށް ތާވަލުކުރިއިރު، އެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް ނިމި، މިދިޔަ އަންގާރަ ދުވަހަށް ހުުކުމްކުރަން ތާވަލު ކުރި އެވެ. ނަމަވެސް އެ ދުވަހަށް އަޑުއެހުން ތާވަލުކޮށްފައި ވަނިކޮށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކޮށް، އަޑުއެހުން ކެންސަލް ކުރި އެވެ.

ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅިގެންނެވެ. ހައިލަމް ފޮނުއްވި މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ.

ހައިލަމް ވަނީ އެ މައްސަލާގައި މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެ ފޮޓޯގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ހުންނެވިކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުން ދެން އެ މައްސަލާގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގަންނަވާ ގާޒީ އެވެ. އެގޮތުން އެ މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން އެހެން ގާޒީއަކާ މައްސަލަ ހަވާލު ކޮށްގެން އެ މައްސަލަ ކުރިއަށް ގެންދަން ނިންމުން ނުވަތަ ޝަރީއަތް އަލުން ފަށަން ނިންމިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ނަމަވެސް މި މަހު 17 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި މައްސަލަ ކުރިއަށް ގެންދާނީ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބުން ކަމެއް ނޫނީ އަލުން މައްސަލަ ބަލަން ފަށާނީ ކަމެއް އަދި ޔަގީނެއް ނޫނެވެ.