ހަބަރު

ޔާމީނަށް ލިޔުންތައް ދިރާސާ ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އާ ގުޅޭ ލިއުންތައް ދިރާސާ ކުރެވޭނެ އިންތިޒާމުތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް މެދުވެރިވެގެން ހަމަޖައްސައިދޭން ދައުލަތަށް ކްރިމިނަލް ކޯޓުން މިއަދު އަންގައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުން ކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.

މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.

އެ ދައުވާތަކުގެ ޝަރީއަތް ފެށުމުގެ ކުރިން މިއަދު ކުރިއަށް ދިއަ އިބްތިދާއީ އަޑުއެހުމުގައިވެސް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ފާހަގަކުރީ، ދައުވާތަކާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ލިއުންތައް ނުލިބޭ މައްސަލަ އެވެ.

މިގޮތުން، ވާހަކަ ދައްކަވަމުން ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ މީގެ ކުރިން ބޭއްވި އަޑުއެހުމަށްފަހު ބައެއް ލިޔުންތައް ހޯދުމަށް ދިފާއުން ފޮނުވި ސިޓީގައި ދައުލަތުން ފާހަގަކޮށްފައިވަނީ އެ ލިޔުންތަކާ ގުޅޭގޮތުން ދެކޭ ގޮތް ކަމަށެވެ.

ނަމަވެސް، ދިފާއުވުމަށް މުހިއްމުވާ ލިޔުންތައް ނިންމާނީ ދައުލަތުން ނޫންކަން ފާހަގަކުރައްވަމުން، ޖަމީލް ވިދާޅުވީ ދައުވާއާ ގުޅޭ ހުރިހާ ލިޔުމެއް ލިބިގެން މެނުވީ، ދައުވާތަކަށް ޖަވާބުދާރީވެވެން ނެތް ކަމަށެވެ.

އަދި ދައުވާތަކާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ބައެއް ސީޑީތަކާއި ޑިޖިޓަލް ފޯމެޓުގައި ހުރި ބައެއް ލިއުންތައް ބެލުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށްވެސް ދިފާއުން ވަނީ ފާހަގަކޮށްފައި އެވެ.

ދިފާއުގެ ވާހަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، މައްސަލައާ ގުޅޭ އިދާރީ ބައެއް ލިޔުންތަކާއި، ސިއްރުކުރަން ޝަރީއަތުގައި އެދިފައިވާ ލިޔުންތައް ފިޔަވައި، ބާކީ ހުރި ހުރިހާ ލިޔުންތަކެއް ޝަރީއަތް މެދުވެރިކޮށް، ދައުވާ ރައްދުވާ ފަރާތާ ހަވާލުކުރެވިފައިވާނެ ކަމަށެވެ.

އަދި ސިއްރު ކުރަން ހުށަހަޅާފައިވާ ލިޔުންތައްވެސް، ޝަރީއަތުން ކަނޑައަޅާ ގޮތެއްގައި މަތިން މެނުވީ ހިއްސާ ނުކުރެވޭނެ ކަމަށް ދައުލަތުން ވިދާޅުވި އެވެ.

އެއާއެކު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ މިއަދުވެސް ލިޔެކިޔުންތައް ނުލިބޭކަމަށް ބުނެ ޝަރީއަތް ކުރިއަށް ނުގެންދެވޭތީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

އަދި ދައުވާއާ ގުޅޭ ހުރިހާ ލިޔުންތަކެއް ދައުލަތުގެ ފަރާތުން ފާހަގަކުރުވައި، އެ ލިޔުންތައް ވަކި ވަކިން ދިފާއީ ވަކީލުންނަށް ލިބިފައިވޭތޯ ސާފު ކުރައްވައިފަ އެވެ.

އޭގެ ފަހުން ޣާޒީ ޝަކީލް ވިދާޅުވީ، ދައުވާއާ ގުޅޭ ލިޔުންތަކުގެ ތެރެއިން ސިއްރުކުރަން އެދިފައިވާ ލިޔުންތައް ފިޔަވައި، ދިފާއުއަށް ލިބިފައިނުވަނީ ދެ ލިޔުމެއްކަން ސާފުވެފައިވާ ކަމަށެވެ.

އަދި އޭގެ ތެރޭގައި ބޭންކު ސްޓޭޓްމަންޓުތަކެއް ހިމެނޭ ސީޑީއެއް ނުހުޅުވޭކަމަށް ދިފާއުން ބުނެފައިވާއިރު، އެކަން ރަނގަޅުކޮށް، އާ ސީޑީއެއް ދައުލަތުން އެންމެ ލަސްވެގެން މާދަމާ ޝަރީއަތަށް ހުށަހެޅުމަށް ގާޒީ އެންގެވި އެވެ. އަދި އެ ސީޑީ ޝަރީއަތަށް ލިބުމުން، ދިފާއުންވެސް އެ ސީޑީއާ މާދަމާ ހަވާލުވުމަށް ވަނީ އަންގަވައިފަ އެވެ.

ދެން ދިފާއުން ހޯދަން އެދިފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމުކޮށްފައިވާ ރިޕޯޓުގައި ރިއާއަތްކޮށްފައިވާ އެނެކްސްތަކުގައި ހިމެނޭ ހުރިހާ ލިޔެކިއުމެކެވެ.

އެކަމުގައި ދައުލަތުން ބުނެފައިވަނީ، މި މައްސަލާގައި ދައުވާކުރަން ބޭނުންކޮށްފައިވަނީ އޭސީސީގެ ރިޕޯޓުގައި ހިމެނޭ ދެ ބަޔާނެއް ކަމަށާއި، އެ ދެ ބަޔާންވެސް ދައުވާ ރައްދުވާ ފަރާތާއި ހިއްސާކުރެވިފައިވާނެ ކަމަށެވެ.

އެކަމަށް ދިފާއުން އިއުތިރާޒުކުރާތީ، ގާޒީ ޝަކީލް ވިދާޅުވީ، އެ ރިޕޯޓުގައި ހިމެނޭ ހުރިހާ އެނެކްސްތަކުގެ ލިޔުންތައް މުހިއްމުކަމަށް ދިފާއުއަށް ގަބޫލުކުރެވޭނަމަ، އެ ލިޔުންތައް މައުލޫމާތު ހޯދައި، ލިބުމުގެ ގާނޫނުގެ ދަށުން އަމިއްލައަށް ހޯދޭނެ ކަމަށެވެ.

ދައުވާއާ ގުޅިގެން، ދައުލަތުން 20 ގަޑިއިރުގެ ވީޑިއޯއާއި، ޑިޖިޓިލްކޮށް ހުށަހަޅާފައިވާ ބޭންކު ސްޓޭޓްމަންޓުތައް ދިރާސާކުރަން، ރައީސް ޔާމީނާއެކު ވަކީލުންނަށް އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ބުނެފައިވާތީ، އެކަމަށްވެސް މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ހައްލުކޮށް ދެއްވައިފަ އެވެ.

މިގޮތުން، ގާޒީ ޝަކީލް ވިދާޅުވީ ވަކީލުންނާއެކު ދެ ގަޑިއިރުގެ ބައްދަލުވުމަކުން އެހާ ގިނަ ލިޔުންތަކާއި ވީޑިއޯތައް ދިރާސާ ނުކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން، ކިތަންމެ ގިނަ ވަގުތެއް ހޭދަވާ ކަމަށް ވިޔަސް، އެކަމަށް އެކަށީގެންވާ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ފަހިކޮށްދޭން ގާޒީ ވަނީ ދައުލަތަށް އަންގަވައިފަ އެވެ.

އަދި އެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ނުލިބިއްޖެނަމަ، އެކަން ޝަރީއަތާ ހިއްސާކުރުމަށް ދިފާއުއަށްވެސް ގާޒީ ޝަކީލް ވަނީ އަންގަވައިފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ މި މައްސަލާގައި ޝަރީއަތެއް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. އަދި އެ ދުވަހު، ލިޔެކިއުންތަކުގެ ޝަކުވާއެއް އަޑުނާއްސަވާނެ ކަމަށާއި، އެ އަޑުއެހުމުގައި އޮންނާނީ ދައުވާ އިއްވުމާއި، ދައުވާއަށް ޖަވާބުދާރީވުން ކަމަށެވެ.