ރައީސް ޔާމީންގެ ޝަރީއަތް

ގާޒީ ހައިލަމް ސަސްޕެންޑް، ޔާމީންގެ ޝަރީއަތަށް ވާނީ ކިހިނެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު ހުކުމް ކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް އެކަން ވަނީ ބަދަލުވެފަ އެވެ. މައްސަލަ ބައްލަވާ ގާޒީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސަސްޕެންޝަނާއެކު މުޅި މައްސަލަ ވަނީ ހުއްޓިފަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތަކީ އެކަށީގެންވާ މުއްދަތެއްގައި ޝަރީއަތް ނިންމާލި މައްސަލައެކެވެ. މިދިޔަ މަހު އަޑުއެހުންތައް ނިންމާލާފައިވާއިރު މިއަދަށް ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކުރީ ޖިނާއީ އިޖުރާއަތުގައި ބުނާ މުއްދަތަށެވެ. އެކަމަކު، ދެން އެ މުއްދަތުތައް ބަދަލުވެގެންދާނެ އެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނެއް ޖަހާފައިވާ ކުރެހުމަކާއެކު ގާޒީ ހައިލަމް ފޮނުއްވި މައްސަލަ ހޫނުވެ، އެ މައްސަލާގައި ގާޒީއާމެދު ފިޔަވަޅު އަޅާފައިވަނީ ވަރަށް އަވަހަށެވެ. ހައިލަމް ސަސްޕެންޑްކޮށްފައިވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ. މައްސަލާގެ ތަހުގީގު ނިންމައި އަޅާނެ ފިޔަވަޅެއް އަދި ނޭނގެ އެވެ.

އެހެންކަމުން ރައީސް ޔާމީންގެ މައްސަލަ ވަރަށް ބޮޑަށް ދިގުލައިގެން ދާނެ ކަމަށް ބެލެވެ އެވެ. މައްސަލައެއްގެ ހުކުމާ ހަމައަށް ގޮސްފައިވަނިކޮށް މައްސަލަ ބައްލަވާ ގާޒީއަކު އެ މައްސަލައެއް ބެލުމަށް ނުކުޅެޖިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތް ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައި އެބަ އޮތެވެ.

އެ މާއްދާގައިވާ ގޮތުން އެފަދަ ހާލަތެއްގައި އެ ކޯޓަކަށް ހާއްސަކުރެވިފައިވާ އެހެން ގާޒީއަކު އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ކަނޑައެޅިދާނެ އެވެ. ނުވަތަ އެ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް ކަނޑައެޅިދާނެ އެވެ. މި ނިންމުން ނިންމުމުގެ ބާރު އެ މާއްދާއިން ދީފައިވަނީ ކޯޓު ހިންގުމާ އެ ވަގުތަކު ހަވާލުވެ ހުންނަވާ ގާޒީއަކަށެވެ. މާއްދާގައިވާ ގޮތުން އެ ގާޒީ އެ ދެ ގޮތުން ކުރެ ނިންމަވާ ގޮތެއް މައްސަލާގައި ހިމެނޭ ދެ ފަރާތަށް އަންގަން ވާނެ އެވެ.

އެހެން ގާޒީއަކާ މައްސަލަ ހަވާލުކުރި ނަމަވެސް އިޖުރާއަތް ފުރިހަމަ ކުރުމަށް އަޑުއެހުމެއް ބާއްވާނެ އެވެ. އަލުން ޝަރީއަތް ކުރަން ނިންމައިފިނަމަ، އަނެއްކާވެސް ދިގު މަރުހަލާއަކަށެވެ. ހެކިންގެ ހެކި ބަސް އަލުން ނަގައި، އެ ވާހަކަތައް އަލުން ދައްކަން ޖެހޭނެ އެވެ.

މި ދެ ގޮތުން ކުރެ ގޮތެއް ކަނޑައެޅުމުގެ ބާރު މިހާރު ވަނީ ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިނަށް ލިބިފަ އެވެ. ޖޭއެސްސީއިން ގާޒީ ހައިލަމް ސަސްޕެންޑްކުރީ ކުރިމިނަލް ކޯޓުގެ ހިންގުން ގާޒީ އަލީ ރަޝީދާ ހަވާލުކުރުމަށް ނިންމުމަށްފަހު އެވެ. އެހެންކަމުން ޔާމީންގެ މައްސަލާގެ ޝަރީއަތަށް ދެން ވާނެ ގޮތެއް އެނގިގެންދާނީ ގާޒީ އަލީ ރަޝީދު ނިންމަވާ ނިންމުމަކުންނެެވެ.

ގާޒީ އަލީ ރަޝީދަކީ މިދިޔަ ފެބުރުއަރީ މަހު ކުރިމިނަލް ކޯޓަށް ޖޭއެސްސީއިން ބަދަލުކުރި ގާޒީއެކެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ސިވިލް ކޯޓުގަ އެވެ. ގާޒީ އަލީ ރަޝީދަށް ކުރިމިނަލް ކޯޓުގެ ހިންގުން ހަވާލުކޮށްފައިވާއިރު އޭނާ ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ވެސް ކުރިމަތިލައްވާފަ އެވެ.