ބަންގްލަދޭޝް

ގާނޫނާ ހިލާފަށް ބަންގްލަދޭޝްގެ ބައިލައްކަ މީހުން

Dec 5, 2021
6

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ލައްކައެއްހާ މީހުންގެ ތެރެއިން ބައި ލައްކަ މީހުންނަކީ ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ މީހުން ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން ބުނެފި އެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާ ހަވާލާދީ ބަންގްލަދޭޝްގެ ނޫސްތަކުގައި ބުނެފައިވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބައިލައްކަ މީހުން ގަވައިދުގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ.

"މިދިޔަ ދެ އަހަރު އަހަރެމެން ބަލައިފިން ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މީހުންގެ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކެއް،" ނަޒުމުލް ވިދާޅުވި އެވެ.

ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމް މިދިޔަ މަހު ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ އެ ގައުމުގެ ކަމާ ގުޅޭ އިދާރާތަކުގެ އިސް ބޭފުޅުންނާ އެކު ކުރެވުނު މަޝްވަރާތަކުގައިވެސް ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުންގެ މައްސަލައިގައި މަޝްވަރާކުރައްވާފަ އެވެ. އެކަމަކު އެ މަޝްވަރާތަކުގެ ތަފްސީލެއް ރައީސް އޮފީހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ނަޒްމުލް ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ބަންގްލަދޭޝްގެ 100 ވަރަކަށް މީހުން މިހާރު ވެސް އެބަތިބި ކަމަށެވެ. އެހެންވެ ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މީހުންގެ ތެރޭގައި ކުށަށް އަރައިގަތުން އިތުރުވަމުންދާ ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރާއްޖޭގައި ޖަލުގައި ތިބި 30 އަކަށް މީހުން އަނބުރާ ބަންގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ގުޅޭގޮތުން އަޒްމުލް ވިދާޅުވީ ޝައިހް ހަސީނާ ފަހަރެއްގައި މިމަހު ރާއްޖެ ވަޑައިގެންފާނެ ކަމަށެވެ. ހަސީނާގެ ދަތުރުފުޅުގައި އިސްކަން ދެއްވާނީ ވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލުކުރުމަށާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ މީހުންގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން ދިވެހި ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ބަންގްލަދޭޝް މީހުން މަސައްކަތު މީހުންގެ ގޮތުގައި ރާއްޖެއަށް ގެނައުން މަނާވެސް ކޮށްފަ އެވެ. އަދި ކޮވިޑްގެ ހާލަތާ ގުޅުވާފައި ބަންގްލަދޭޝްގެ ބައެއް މީހުން އަނބުރާ ގައުމަށް ވެސް ފޮނުވާލާފައިވެ އެވެ.