މިނިސްޓަރު އަލީ އިހުސާން

ގަވާއިދުން ވޯކްޕާމިޓް ދައްކަނީ 36 ޕަސަންޓް: އިހުސާން

ރާއްޖޭގައި މަސައްކަތްކުރަން ހުއްދަ ދޫކޮށްފައިވާ 139،000 ބިދޭސީންގެ ތެރެއިން ފާއިތުވި އެއް އަހަރުގެ ތެރޭގައި ބަރާބަރަށް ފައިސާ ދައްކާފައިވަނީ 36 ޕަސަންޓް މީހުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރަން 139،000 ބިދޭސީންނަށް އެކްވިޓް ވޯކްޕާމިޓް ދޫކޮށްފައިވާކަން އެކްސްޕެޓް ސިސްޓަމުން ދައްކާ ކަމަށެވެ.

"އެކްޓިވް ވޯކްޕާމިޓަކީ ވަޒީފާއަށް މީހަކު އަންނަން ދެވޭ ހުއްދަ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި ވަޒީފާ ދޭ ފަރާތުން އެ ވޯކްޕާމިޓް ބާތިލުނުކުރާނަމަ އެކްސްޕެކްޓް ސިސްޓަމުން ފެންނަން ހުންނާނީ އެކްޓިވް ވޯކްޕާމިޓެއްގެ ގޮތުގައި އެވެ.

ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެނައުމުގެ ހުއްދަ ހަތަރު އަހަރަށްފަހު މިދިޔަ އާދިއްތަ ދުވަހު ސަރުކާރުން ދޭން ފަށާފައިވާއިރު އިހުސާން ވިދާޅުވީ އިމިގްރޭޝަން ބޯޑަ ކޮންޓްރޯލް ސިސްޓަމުން ދައްކާ ގޮތުން މިވަގުތު ރާއްޖޭގައި ތިބީ ބަންގްލަދޭޝްގެ 90،624 މީހުން ކަމަށެވެ.

އެއީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކުރާ އަދަދަށްވުރެ މަދު އަދަދެއްކަން އިހުސާން ފާހަގަކުރެއްވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100،000 މީހުންނެވެ.

އިހުސާން ވިދާޅުވި ކުރީގެ ސަރުކާރުގައި ބިދޭސީންގެ އަދަދު ގުނަމުން ދިޔައީ އެކްސްޕެޓް ސިސްޓަމުން ނަމަވެސް މި ސަރުކާރުން ބަލަނީ އިމިގްރޭޝަންގެ ބޯޑަ ކޮންޓްރޯލް ސިސްޓަމަށް ކަމަށެވެ.