ބަންގްލަދޭޝް

ބަންގާޅު ސަފީރު ރައީސް އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި

Feb 1, 2022

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ތައުރީފު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކުރިމަގުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން އިންސާނީ ވަސީލަތް ކުރިއަރުވާ ތަރައްގީ ކުރުމާއި މަތީ ތައުލީމާއި ސިއްހީ ދާއިރާ އާއި އިގްތިސާދީ ދާއިރާއިން އެއްބާރުލުން ދިނުން ފަދަ ސަރުކާރުން އިސްކަންދޭ މުހިންމު ކަންކަމުގައި ބަންގްލަދޭޝް ސަރުކާރުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ބަންގުލޭ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ތައުރީފު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ކޮވިޑް-19 ޕެންޑަމިކްގައި ދިވެހި ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުން ބަންގަލަދޭޝްގެ ރައްޔިތުންނަށް 201،600 އެސްޓްރާ ޒެނެކާ ވެކްސިން ޑޯޒް ހަދިޔާ ކުރައްވާފައިވާތީ އެކަންވެސް ފާހަގަ ކުރެއްވިއެވެ.