ރައީސް އޮފީސް

ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހަސީނާ ފުރާވަޑައިގެންފި

Dec 27, 2021
1

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ގައުމަށް ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ހަސީނާ ރާއްޖެ ވަޑައިގަތީ މިމަހުގެ 22 ވަނަ ދުވަހު އެެވެ.

ހަސީނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ހިމެނޭ ރަސްމީ މަސައްކަތްތަކާއި ހަރަކާތްތައް މިމަހުގެ 23 ވަނަ ދުވަހު ވަނީ ނިންމާވާލައްވާފަ އެވެ.

އޭގެފަހުން މިއަދުގެ ނިޔަލަށް އެކަމަނާ ވަނީ ރާއްޖޭގައި ޗުއްޓީއެއް ހޭދަކުރައްވާފަ އެވެ. ހަސީނާ ޗުއްޓީ ހޭދަކުރެއްވުމަށް ހަމަޖެހިފައިވަނީ މާލެ ކައިރީގައިވާ އެނބޫދޫފިނޮޅު ހިއްކައިގެން އެ ތަނުގައި ހަދާފައިވާ ރިސޯޓެއްގަ އެވެ. އެ ރިސޯޓުގެ 17 ރޫމެއް ބުކް ކުރައްވާފައިވާ ކަމަށް އެނގިފައިވެ އެވެ.

ހަސީނާގެ މިދަތުރުފުޅުގައި ރާއްޖެއާ އެކު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

ސޮއިކުރި އެއްބަސްވުންތައް

  • ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއް
  • ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެމްއޯޔޫއެއް
  • އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން ނުވަތަ ޑަބަލް ޓެކްސޭޝަން އުވާލުމާ ގުޅޭ އެއްބަސްވުމެއް
  • ދިވެހި އަސްކަރީޔާއަށް 13 އުޅަނދު ހަދިޔާކުރުމުގެ އެއްބަސްވުމެއް

ހަސީނާގެ މިދަތުރުފުޅުގައި އެކަމަނާ ވަނީ މިމަހުގެ 23 ވަނަ ދުވަހު ރައްޔިތުން މަޖިލީހަށް ޒިޔާރަތްކުރައްވާ މަަޖިލީހުގެ ޖަލްސާއެއްގައި ތަގުރީރު ކުރައްވާފަ އެވެ.