ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޝްރޫއުތައް ހިންގުމުގައި އެއްވެސް ރަށެއް ތަފާތެއް ނުކުރަން: ރައީސް

Dec 5, 2021
3

ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ވަކި ރަށެއް ތަފާތު ނުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އއ. ފެރިދޫ ކައުންސިލް މެންބަރުންނާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ފެރިދޫ ކައުންސިލަރުން ވަނީ އެ ރަށުގެ ތަރައްގީއަށް އެންމެ މުހިއްމު މަޝްރޫއުތަކާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން ކައުންސިލަރުން ވަނީ ފެރިދޫގެ ބަނދަރު ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ހުށަހަޅުއްވާފަ އެވެ. ފެރިދޫގައި އާ މިސްކިތެއް އެޅުމަށާއި ޒުވާނުންނަށް ހާއްސަކޮށް އެކި ކުޅިވަރުތައް ކުޅެވޭނެ ފަދަ މަރުކަޒެއް ބިނާކުރުމާއި އަދި އެރަށުގައި ހުންނަ އއ. އަތޮޅު ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އިތުރުކުރުމުގެ އިތުރުން ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭނުންވާ ކަމަށްވެސް ކައުންސިލަރުން ވިދާޅުވި އެވެ.

ކައުންސިލަރުންގެ ވާހަކަތަކަށް ފަހު ރައީސް ސޯލިހް ވިދާޅުވީ ފެރިދޫ ބަނދަރު ހެދުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާތީ ބަނދަރުގެ މަސައްކަތާއިއެކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެތޯ ބައްލަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ވެސް ކަމާގުޅޭ މިނިސްޓްރީތަކާއި މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި އާބާދީ ކުދި ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށްދިނުމަށްޓަކައި ހާއްސަ އިސްކަމެއް ދީފައިވެ އެވެ. ރާއްޖޭގައި އެންމެ މީހުން މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ބ. ފެހެންދޫއާއި ވ. ރަކީދޫ ބަނދަރު ހަދައިދީ، ބަންދުކޮށްފައި ހުންނަތާ އެތައް އަހަރެއް ވެފައިވާ އެ ދެ ރަށުގެ ސްކޫލު އަލުން ހުޅުވާ ކިޔަވައިދިނުމަށް ވެސް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.