ހަބަރު

ހައްގުތައް ގެއްލޭތީ ޓޫރިޒަމް ބޮއިކޮޓް ކުރުން މަނާ ބިލް ތަސްދީގެއް ނުކުރެއްވި

Dec 10, 2015
  • ބިލުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފެހެއްްޓޭ
  • ނޫސްވެރިކަމުގެ މިނިވަންކަމަށް ވެސް ހުރަސްއެޅޭ
  • އެ ބިލަށް ބޮޑެތި ރިސޯޓް އޯނަރުން ތާއީދު ކުރި

އާންމު ރައްޔިތުންނަށް ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ބައެއް ހައްގުތަކަށް ހުރަސް އެޅޭތީ، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބިލް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލައްވައިފި އެވެ.

އެ ބިލް މިއަދު މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވި ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، އެ ބިލް ގާނޫނަކަށް ވެއްޖެ ނަމަ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ފަދަ އަސާސީ ޙައްޤުތައް ވަރަށް ފުޅާކޮށް ހިފެހެއްޓިފައިވާތީ އެ ހައްގުތަކަށް ގެއްލޭނެތީ ކަމަށެވެ.

މި ބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ މަޖިލީހުގެ ރައީސްއަށް ސިޓީފުޅަކުން ދަންނަވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ފާސްކުރެއްވި އެ ބިލްގައިވާ ގޮތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޓޫރިޒަމް ބޮއިކޮޓްކުރުމާއި، ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން، ފަދަ އެންމެހައި މަސައްކަތްތައް ކުރުން މަނާވާނެ އެވެ. އެ ބިލަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރި ވެރިންގެ ޖަމްއިއްޔާ މަޓީ އިން ތާއީދު ކޮށްފައިވާ ބިލެކެވެ.

ހައްގުތަކެއް އުނިވާ ކަމަށް ބުނެ އެހެން ނަމަވެސް އެ ބިލާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައިވެ އެވެ. އެހެން ނަމަވެސް ޕީޕީއެމްގެ މެންބަރުން މަޖިލީހުގެ ފްލޯގައި އެ ބިލަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަ ދެއްކެވި އެވެ. އަދި އެ ބިލް ފާސްވީ ވެސް މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުން ވޯޓު ދެއްވައިގެންނެވެ.