ހަބަރު

މާބަނޑު މުވައްޒަފުންނަށް ގޭގައި ވަޒީފާ އަދާކުރެވޭނެ ގޮތަށް ހަމަޖައްސައިފި

Dec 10, 2015
3
  • އަންނަ މަހުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ފަށާނެ
  • ޑިރެކްޓަރުންނަށް %40 އަންހެނުން ބައިތިއްބާނެ
  • އަންހެނުންނަށް ކުރާ އަނިޔާތަކަށް ފުރުސަތެއް ނުދޭނަން

ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މާބަނޑު އަންހެނުންނަށް އަންނަ އަހަރު ފެށިގެން އޮފީހަށް ނުނިކުމެ ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި، އެޗްއާރުސީއެމް އިން މިރޭ ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މި ސަރުކާރުން މުހިންމު އަހަންމިއްޔަތު ކަމެއް ދޭ ކަމަށެވެ. ރައީސް ވިދާޅުވީ ފިރިހެނުންގެ ކިބައިންނާއި އާއިލާގެ ތެރެއިން ވެސް އަނިޔާއާ ކުރިމަތިލާން ޖެހޭ އަންހެނުން މަދު ނޫން ކަމަށެވެ. އެފަދަ އަމަލުތަކަށް މި ސަރުކާރުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އަންހެނުންނަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވުމަށް ރައީސް ވައުދުވެ ވަޑައިގަތެވެ.

"ހައްގުތަކުގެ ވާހަކަ ދައްކާ އިރު، އަޅުގަނޑުމެން ވާހަކަ ދައްކަން އެބަ ޖެހޭ އަންހެން ކަނބަލުން އަޅުގަނޑުމެންގެ ޖިންސުއްލަތީފުންގެ ވާހަކަ. އެއީ އަޅުގަނޑުމެން އަޅާލުން ބޭނުންވެފައި ތިބި ގިންތީގެ ބަޔެއް. މި ސަރުކާރުން އަންހެނުންނަށް ހުރިހާ މައިދާނެއްގައި ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެ. އެ މީހުންނަށް އެކަށީގެންވާ ފުރުސަތު ދިނުމަށް ކުރެވެން ހުރި މަސައްކަތެއް ކުރާނަން. އެގޮތުން އަޅުގަނޑު މިރޭ އިއުލާން ކުރަން އަންނަ އަހަރުން ފެށިގެން ސަރުކާރު މުވައްޒަފުންގެ ތެރެއިން މާބަނޑު އަންހެނުންނަށް އޮފީހަށް ނުނިކުމެ ގޭގައި ތިބެގެން ވަޒީފާ އަދާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާނަމޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑްތަކުގައި 40 ޕަސެންޓް އަންހެނުން ބޭތިއްބުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް މިހާރު އެކީ ހާސިލްވުމާ ކައިރިވެފައިވާ ކަމަށެވެ. ދެން މާގިނަ ދުވަހެއް ނުވެ އެކަން ހާސިލް ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އެމަނިކުފާނު ވަނީ އަންހެނުންނަށް އެކި ގޮތްގޮތުން ކުރެވޭ އަނިޔާތައް ހުއްޓާލުމަށް މުޖުތަމައުގެ އެންމެހާ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އިންސާނީ ހައްގުތަކުގެ ކަންކަން ރާއްޖޭގައި އޮތީ ގޯސްކޮށް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ ގައުމެއް ކަމަށް ދުނިޔެ ގަބޫލު ކުރެ އެވެ. އަދި އދ ގެ ހިއުމަންރައިޓްސް ކައުންސިލްގެ މެންބަރަކަށް ޖެހިޖެހިގެން ދެ ދައުރު އިނުމުން އެކަން ސާބިތުކޮށްދޭ ކަމަށް ރައީސް ވިދާޅުވި އެވެ.