އައިޖީއެމްއެޗް

ޑޮކްޓަރުންގެ ފޮޓޯ އާންމުކުރާނަމަ ފިޔަވަޅު އަޅާނަން: އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ މުވައްޒަފުންނާއި ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެމީހުންގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ހޮސްޕިޓަލުން ދީފި އެވެ.

އައިޖީއެމްއެޗް އިން މިފަދަ އިންޒާރެއް ދީފައި މިވަނީ އެ ހޮސްޕިޓަލްގައި ވިހޭ ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެން ނުވާ ގޮތްތަކަކަށް ހޮސްޕިޓަލްގެ މުވައްޒަފުން އަމަލުކުރި ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިން ކުއްޖާގެ އާއިލާގެ ބަޔަކު ސޯޝަލްމީޑިއާ އާއި އާންމު ބައެއް މީޑިއާތައް ބޭނުންކޮށްގެން ކުރަމުންދާ ކަންކަމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އައިޖީއެމްއެޗްގެ ބަޔާނުގައި ބުނީ ބަލި މީހުންނަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލްގެ މުވައްޒަފުން އަމަލުކުރަނީ މެޑިކަލް ޕްރެޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ސޯޝަލްމީޑިއާގައި ފެންމަތިކޮށްގެން އުޅޭ މައްސަލައިގައިވެސް ތުއްތު ކުއްޖާއަށް ބޭސް ދިނުމާއި ފަރުވާއާ ގުޅުންހުރި އެހެނިހެން ކަންކަން ބަލިމީހާގެ އާއިލާއާ މަޝްވަރާކުރެވި ތަފްސީލްކޮށް ކިޔައިދެވިފައިވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ސޯޝަލްމީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާ ބެހޭ ގޮތުން ވަކި ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފްސީލްތަކަކީ އާންމުކޮށް ސޯޝަލްމީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތެއް ނޫނެވެ،" އައިޖީއެމްއެޗް އިން ބުނެފައިވެ އެވެ.

އައިޖީއެމްއެޗް އިން ބުނީ ފަރުވާދޭއިރު ހިތްހަމަނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށްދާހެން ބަލި މީހަކަށް ނުވަތަ އެހީތެރިންނަށް ހީވާނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަކުރެވޭނަމަ އެކަންކަން އިތުރަށް ސާފުކޮށް، އޮޅުންފިލުވޭނެ އިންތިޒާމުތައް ހުންނާނެ ކަމަށެވެ. އަދި އެއަށްފަހުވެސް މައްސަލައެއް އޮތް ނަމަ އެ މައްސަލައެއް ހޮސްޕިޓަލްގެ ކަމާގުޅޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމުތައް ހޮސްޕިޓަލްގައިވެސް ހަމަޖެހިފައި ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

"ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ހިޔާރުކުރުމުގެ ބަދަލުގައި ސޯޝަލްމީޑިއާގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އެ ހާދިސާއަކާ ގުޅުވައި މި ހޮސްޕިޓަލްގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް އެޅޭފަދަ އަމަލުތައް މި ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިފަދައިން ކުރާ އަމަލުތަކާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައިވެސް ދަންނަވަމެވެ." އައިޖީއެމްއެޗްގެ ބަޔާނުގައިވެ އެވެ.