ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާތަކުގައި ކަން ހިނގާ ގޮތް އިޝާރާތުގެ ބަހުރުވައިން ބުނެދެނީ

Dec 8, 2021

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާއިރު އިޝާރާތުގެ ބަހުރުވައިން ޖަލްސާ ތަކުގައި ކަން ހިނގާ ގޮތް އަންގައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަކުގެ ލައިވް ފީޑްގައި އިޝާރާތުގެ ބަހުރުވަ ދައްކައިގެން ޖަލްސާގައި ހިނގާ ކަންކަން ބުނެދިނުމަށް، އަޑު އިވުމުން މަހުރޫމް ވެފައިވާ ކުއްޖެއް ކަމަށްވާ ނާއިޝް އެމަނިކުފާނުގެ އަރިހުގައި އެދިވަޑައިގަތުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިޔަ "ޕްރެކްޓިސް ޕާލިމެންޓް ފޯ ޔޫތް" ޕްރޮގްރާމްގެ ބައިވެރިވިއެއް ކަމަށްވާ ނާއިޝް އޭނާގެ ހުށަހެޅުން ރައީސް ނަޝީދަށް ހުށަހެޅީ އަޑުއިވުމުން މަރުހޫމުވެފައިވާ ހުރިހާ ކުދިންގެ ހައްގުގައި މައްސަލަ އަށް ހައްލު ހޯދުމަށެވެ.

ނާއިޝްގެ ހުށަހެޅުމަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ނާއިޝްގެ ހުށަހެޅުމުގައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެން އޮތް ކަމަކީ ކޮބައިތޯ ބައްލަވާނެ ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާއިރު އިޝާރާތުގެ ބަހުރުވައިން ޖަލްސާ ތަކުގައި ކަން ހިނގާ ގޮތް އަންގައިދިނުމަށް މިހާތަނަށް މަސައްކަތް ކުރެވިފައި ނުވާތީ ރައީސް ނަޝީދު ވަނީ މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.

ޕްރެކްޓިސް ޕާލިމެންޓް ފޯ ޔޫތް ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ޒުވާނުން އަދި ވަކިން ހާއްސަކޮށް އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދީ އެކަމުގައި އެހީތެރިވެ ދިނުމާއެކު މުސްތަގުބަލްގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ހިތްވަރު ދިނުމެވެ.

ގައުމީ ޖަލްސާތައް ހިނގަމުންދާއިރު އިޝާރާތުގެ ބަހުރުވައިން ޖަލްސާ ތަކުގައި ކަން ހިނގާ ގޮތް އަންގައިދިނުމަށް ގިނަ އިދާރާތަކަކުން މިހާރު ހާއްްސަ އިސްކަމެއް ދޭކަން ފާހަގަކުރެވެ އެވެ. ހާއްސަކޮށް ކޮވިޑް 19އާއި ގުޅިގެން އެޗްޕީއޭ އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ލައިވް ފީޑްގައި އިޝާރާތުގެ ބަހުރުވަ ބޭނުންކުރެ އެވެ.