ރައްޔިތުންގެ މަޖިލިސް

ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދަން މިއަދު އިތުރު ޖަލްސާއެއް

Nov 12, 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު އިތުރު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ ހެނދުނުގެ ޖަލްސާގައި ކުރިއަށް ގެންދަން ތާވަލްކޮށްފައި ވަނިކޮށް ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސް އިން ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ދީބާޖާ ނެތް ކަމަށް ވިދާޅުވެ ތަކުރާރުކޮށް މިއަދު ނިޒާމީ މައްސަލަ ނަންގަވާފަ އެވެ. އެ މައްސަލަ ނެންގެވުމާ ގުޅިގެން އެވަގުތު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ގަރާރު ހުށަހަޅާފައި ވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި ގަރާރު މަޖިލީހުގެ ނިޒާމުން ބޭރުކޮށްލެވިފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ. ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ އަފީފް އޭގެފަހުން ވަނީ ޖަލްސާ ނިންމަވާލެއްވި ކަން އިއުލާންކުރައްވާފަ އެވެ.

ހެނދުނު ޖަލްސާ އަފީފް ނިންމަވާލެއްވީ ގަރާރު ބޭރުނުކުރެވޭނެ ކަމަށް މަޖިލީހުގެ އަމީންއާންމު ފަތިމަތި ނިއުޝާ ލަފާ ދެއްވަމުން ގެންދަވަނިކޮށް ކަމަށް އެނގިފައިވެ އެވެ.

އަފީފް މިއަދުގެ ޖަލްސާ ނިންމަވާލެއްވުމާ ގުޅިގެން އަމީންއާންމު ވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ ބައްދަލުކުރައްވާ ގަރާރު ބޭރުކޮށްލީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ނަޝީދު ވަކިކުރުމުގެ ގަރާރު އަލުން އެޖެންޑާކޮށް މިއަދު 11:30 ގައި ޖަލްސާއެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށް އަމީންއާންމު މިހާރު ވަނީ އަންގަވާފަ އެވެ.

އަވަސްއަށް އެނގިފައިވާ 11:30 ގައި އޮންނަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މިއަދު ހެނދުނުގެ ޖަލްސާއަށް ސަލާމް ވިދާޅުވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއި މަޖިލީހުގެ ގަވައިދު އޮތް ގޮތުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބް ރައީސް އުޒުރުވެރިވެއްޖެނަމަ ދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ. އަފީފް އުޒުރުވެރިވެއްޖެނަމަ މަޖިލީހުގެ ރިޔާސަތާ ދެން ހަވާލުވެވަޑައިގަންނަވާނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ. މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ދެން ކަނޑައަޅުއްވާފައި ތިން ބޭފުޅުންނަކީ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި، އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

އެމްޑީޕީގެ ބައެއް މެންބަރުން މިއަދު އަވަސް އަށް ވިދާޅުވީ 11:30ގެ ޖަލްސާގެ ރިޔާސަތާ އީވާ ހަވާލުވެވަޑައިގަންނަވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމް އޮތް ގޮތުން ދެން މިމައްސަލައަށް މަޖިލީހުގެ ރިޔާސަތަށް ހުރަސްއެޅިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.