ދީނުގެ ހުރުމަތް ކަނޑައިގެން ޑީޕޯޓްކުރުމުގެ ކުރިން އެފަދަ ކުށްކުރާ މީހުން ކުށް ކުރި މަގުސަދު ދެނެގަތުމަށް ތަހުގީގު ހިންގުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ގޮވާލައްވައިފި އެވެ.
އާދަމް ޝަރީފް މިކަމަށް ގޮވާލެއްވީ ގއ. ކޮނޑޭގައި ބިދޭސީ ޓީޗަރަކު އިސްލާމް ދީނަށް ފުރައްސާަރަ ކުރިކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ އިސްލާމް ދީނުގެ ހުރުމަތް ކެނޑުމަކީ ނުރައްކަލެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ އިސްލާމީ ވަހުދަތު ގެއްލޭގޮތަށް ހިންގަމުންދާ ކަންކަން ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އަދި އިސްލާމް ދީނުގެ ހުރުމަތް ކަނޑާ މީހުން ޑީޕޯޓް ކުރުމުގެ ކުރިން އެ ކުށް ކުރި މަގުސަދު ދެނެގަންނަންޖެހޭ ކަމަށެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ޓީޗަރަކު ދީނަށް ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވުނު އިރު ކަނޑައެޅިގެން ދީނަށް ފުރައްސާރަކޮށްގެން ވެސް ބައެއް މީހުން މިހާރު ޑީޕޯޓްކޮށްލައިފައިވާ ކަމަށެވެ.
"އެހެން ނަމަވެސް މި ކަންކަން މިހާ ގިނައިން ވާން ފެށީމަ މިއީ އެންމެ ފަހަރަކުވީ ކަމެއް ކަމަށް ބަލާފައި އެ މީހާ ވަގުތުން ޑީޕޯޓްކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެހާ ރަނގަޅު ކަމެއް ނޫން. މިހާރު އެބަ ދެނެގަންނަން ޖެހޭ އެ މީހާ އެކަން އެ ކުރަނީ ކޮން މަގުސަދެއް އޮވެގެންތޯ. އަދި އެކަން ކުރަނީ ވަކި ފަރުދެއްތޯ ނުވަތަ ޖަމާއަތެއްތޯ. މި ހުރިހާ ކަމެއް އެބަ ދެނެގަންނަން ޖެހޭ. މީގެ އަޑީގައި ހިތްވަރުދޭ ބަޔަކުވެސް ހުރިތޯ ބަލަން ޖެހޭ" އާދަމް ޝަރީފް ވިދާޅުވި އެވެ.
މީގެ ކުރިން ބިދޭސީ ޓީޗަރުންގެ ކިބައިން މިފަދަ ކަންތައްތައް އެހާ ބޮޑަށް ތަކުރާރުވާ ތަން ނުފެންނަކަން ވެސް އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ މިފަދަ ކަންތައްތައް ތަކުރާރުވާތީ މިކަންކަން ހުއްޓުވަން ސްކޫލުތަކުގެ ވެރިން ހުށިޔާރުވެ ސުޕަވައިޒްކުރުން ވެސް އިތުރުކުރަން ޖެހޭ ކަމަށެވެ
އިސްލާމް ފޮތް އެއްލާލައި ކްރިމަސް ގަހެއް ދަރިވަރުން ލައްވައި ހެދި ކަމަށް ބުނާ މައްސަަލަ އެއްވެސް ހޫނުވެފައިވާއިރު އެޑިޔުކޭޝަން މިނިސްޓްރީން އެކަން ދޮގުކުރެ އެވެ. މިނިސްޓްރީން ބުނީ އިސްލާމް ފޮތެއް ޓީޗަރުގެ އަތުން ވެއްޓުނީ ކަމަށާއި އަދި ދަރިވަރުން ލައްވައި ހެއްދުވީ ބަންޔަން ގަހެއް ކަމަށެވެ.
އިސްލާމް ދީނާ ދެކޮޅު މައްސަލަތައް އިތުރުވެފައިވާ އިރު އިސްލާމް ދީނާ ދެކޮޅު ފޮތެއް ރާއްޖޭގައި ވިއްކާ މައްސަލައާއި ކްލިކް ކޮލެޖްގެ ހަރަކާތެއްގައި ކްރިސްޓިއަން ދީނަށް ވާގިދޭ ލަވައެއް ޖެހި މައްސަލައެއް ވެސް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.