ރާއްޖޭގެ ދަރިވަރުންނަށް އިސްލާމް ކިޔަވައިދޭން ބިދޭސިން ގެނައުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ދަރިވަރުން ހަރުކަށި ފިކުރަށް ދިއުން ހުއްޓުވަން އިސްލާމް މާއްދާ ކިޔަވައި ދޭނެ ޓީޗަރުން ރާއްޖެއިން ބޭރުން ގެނައުމުގެ ވިސްނުން އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ"ން ރޭ ބުނެފައވެ އެވެ.
މިކަމާ ގުޅޭގޮތުން އަވަސް އިން ސުވާލު ކުރުމުން އާދަމް ޝަރީފް ވިދާޅުވީ މިއީ ވަރަށް ނުރައްކާ އަދި ކަތިފިޔަވަޅަކަށް ވެދާނެ ކަމަށެވެ. އަދި ބޭރުން ގެންނަ މީހަކީ ހަރުކަށި ފިކުރުގެ، ޓެރަރިޒަމްގެ އެޖެންޓެއް ކަން ކަށަވަރު ކުރަން ދަތިވާނެ ކަމަށެވެ.
"ދިވެހި ޓީޗަރެއް ވިއްޔާ އެނގޭނެ ދެއްތޯ އެއީ ކޮން ކަހަލަ ބޭފުޅެއްކަން، އާއިލާއަކީ ކޮބައިކަން. ދަރިވަރުންގެ ރައްކާތެރިކަން ވެސް ކަށަވަރުވާނެ." އާދަމް ޝަރީފް ވިދާޅުވި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ގައުމީ މަންހަޖުގައިވެސް ބުނެފައި އޮންނާނީ ދަރިވަރުން ތަރުބިއްޔަތު ކުރެވޭނީ ދިވެހި ޓީޗަރުންނަށް ކަމަށެވެ. އެހެންކަމުން ބިދޭސީން ގެނެސްގެން ކުދިން އެންމެ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވޭނެ ކަމަށެވެ.
"ބިދޭސީން ގެނައިމަ ލޭންގްއެޖް ވެސް މައްސަލައަކަށް ވާނެ. ދިވެހިންނަށް ވަޒީފާގެ ފުރުސަތެއް ވެސް ނުލިބޭނެ." އާދަމް ޝަރީފް ވިދާޅުވި އެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެ ގެންނަ ބިދޭސީ މީހާ އަކީ ހަރުކަށި ފިކުރު ފަތުރާ ޖަމާއަތަކާ ގުޅިފައިވާ މީހެއްކަން ކަށަވަރު ކުރެވޭނެ ގޮތްތަކެއް ނެތުން ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
މީގެ އިތުރުން ނަފުރަތު އުފައްދަން މަގުފަހިވާ ގޮތަށް އިސްލާމް ފޮތްތަކުގައި ހުރި މައުލޫމާތުތައް ބަދަލު ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ހަވާލާދީ އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" އިން ބުނެފައިވާ މައްސަލާގައި ވެސް އާދަމް ޝަރީފް ވަނީ ވާހަކަދައްކަވާފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ އިސްލާމް ފޮތްތަކުގައިވާ މައުލޫމާތުތައް މާބޮޑު ދިރާސާއެއް ނެތި ކުއްލިއަކަށް ބަދަލުކޮށްލުމަކީ އެއްގޮތަކަށް ވެސް ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެކަން ކުރައްވާނީ ގައުމީ މަންހަޖު އެކުލަވާލުމުގެ ތަޖުރިބާ ހުރި ބޭފުޅުންނާއި ބެލެނިވެރިންނާއި ޓީޗަރުންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އާދަމް ޝަރީފް ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ވެސް ދަރިވަރުންނަށް ކިޔަވައިދޭ ކަރިކިއުލަމަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. އޭރު އެކަން ކުރީ ދަރިވަރުން ބަވަނަވެފައިވާ ދުނިޔެއަށް ތައްޔާރު ކުރުމަށް އަމާޒު ހިފައިގެން އަދި ފުޅާދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.