ހަބަރު

ޓީވީއެމްގެ އެންމެ ދުވަސްވީ ކެމެރާމަން ކުއްލިއަކަށް މަރުވެއްޖެ

Dec 11, 2015
1

ޕީއެސްއެމްގެ ދަށުން ހިންގާ، ޓީވީއެމްގައި މިވަގުތު މަސައްކަތް ކުރައްވާ އެންމެ ގިނަ ދުވަސްވީ ކެމެރާމަން، މުހައްމަދު އަބްދުލް ޣަފޫރު (ކުޑޭ) ރޭ ކުއްލި ގޮތަކަަށް މަރުވެއްޖެ އެވެ.

އިއްޔެ އޮފީހުގެ މަސައްކަތުގައި ވެސް އުޅުނު ކުޑޭ، ރޭ މަރުވެފައި ވަނީ ޑިއުޓީ ނިންމާލުމަށް ފަހު ގޭގައި އުޅެނިކޮށް ހޮޑުލެވި ބޭރަށް ހިންގާތީ އޭޑީކޭއަށް ގެންގޮސް ފަރުވާދެނިކޮށެވެ. ކުޑޭ ވަނީ އިއްޔެ ހެނދުނު އެއާޕޯޓްގައި ބޭއްވި ލުފްތަންސާ އެއާލައިންގެ ދަތުރުތައް ފެށުމުގެ ހަފްލާ ވެސް ކަވަރުކޮށްފަ އެވެ. އޭރު ވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އެކުގައި މަސައްކަތް ކުރި މުވައްޒަފުން ބުންޏެވެ.

ކުޑޭގެ މަސައްކަތާ ގުޅޭ ގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ކުޑޭ އަކީ ވަރަށް ހީވާގި އަދި މަސައްކަތަށް އެންމެ ފަރުވާ ބަހައްޓައި ވަޒީފާގެ ލޯބި ހުރެގެން އެ މަސައްކަތުގައި ދެމި ހުރި މުވައްޒަފެއް ކަމަށެވެ. އޭނާގެ އެންމެ ހާއްސަ ސިފައަކީ ހަލީލް ވިދާޅުވި ގޮތުގައި ޝަކުވާއެއް ނެތި ވަޒީފާގެ ޒިންމާތައް އަމާނާތްތެރިކަމާ އެކު އަދާ ކުރެއްވުމެވެ.

"އޭނާ މިއަދު ނެތުމަކީ ޕީއެސްއެމްއަށް ޓީވީއެމްއަށް ލިބިގެން ދިޔަ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް،" ހަލީލް ވިދާޅުވި އެވެ. އޭނާ އާ އެކު މަސައްކަތް ކުރި ރަހުމަތްތެރިން ބުނީ ކުޑޭ އަކީ ހިތްހެޔޮ އެންމެންނަށް އެހީވާ ވަރަށް ރަނގަޅު މުވައްޒަފެއް ކަމަށެވެ. އަދި އޭނާ ނެތިދިޔުމުގެ ސަބަބުން ފުން ހިތާމައެއް ލިބޭ ކަމަށް އެ މީހުން ބުންޏެވެ.

"މިއީ އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއް. ގެއްލިގެން ދިޔައީ އަހަރުމެންގެ ބައްޕައެއް ކަހަަލަ މީހެއް،" އޭނާއާ އެކު އުޅުނު މުވައްޒަފަކު ބުންޏެވެ.

ކުޑޭގެ މައްޗަށް ކުރާ ކަށުނަމާދު މިއަދު ހުކުރު ނަމާދަށް ފަހު އޮންނާނެ އެވެ. ކުޑޭ މަރުވި އިރު އޭނާގެ ދެ ދަރިންނާއި އަންބަކު އެބަ ހުއްޓެވެ.

ޓީވީއެމްގެ އެންމެ ދުވަސްވީ ކެމެރާމަނަށް ކުޑޭ ވުމުގެ އިތުރަށް، އޭނާ އަކީ ޓީވީއެމް އިން އުފައްދާ ދަނޑުފޯރި ޕްރޮގްރާމަށް އަޑުއަޅާ ފަރާތެވެ. އަދި ޓީވީއެމް އިން ބާއްވާ ބޮޑެތި ކަވަރޭޖްތަކުގައި އޭނާ ހަރަކާތްތެރި ނުވެއެއް ނުދެ އެވެ. އެގޮތަށް އުޅުމުގެ ތެރޭގައި ފެލިވަރު ހުޅުވުމަށް 1980 ގެ ފަހުކޮޅު ބޭއްވި ރަސްމިއްޔާތު ކަވަރު ކުރުމަށް ފަހު މާލެ އައި ސީޕްލޭން ކަނޑަށް ވެއްޓި ހިނގި ހާދިސާގައި އޭނާ ޒަހަމްވެ ރާއްޖެއިން ބޭރުން ދުވަސްތކެއްގައި ފަރުވާ ހޯދަން ވެސް ޖެހިފައިވެ އެވެ.