ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވަމުންދާތީ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތައް މަޑުޖައްސާލުމަށް މެރިން ރިސާޗް އިންސްޓިޓިއުޓުން އެދިއްޖެ އެވެ.
މެރިން ރިސާޗް އިންސްޓިޓިއުޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަރުތަކުގައި ހުންނަ ގާ ހުދުވުމަކީ ދިވެހިންގެ ދިރިއުޅުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރާނެ ކަންތައްތަކަކަށްވާތީ ގާ ހުދުވުމުން ފަރުތަކަށް ދިމާވެދާނެ އަސަރުތައް ކުޑަކުރުމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރަންޖެހޭ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ކަމަށްވާތީ ގާ ހުދުވުމަށް ދިމާވާ ސަބަބުތަކާ ދުރުވުން މުހިއްމު ކަމަށްވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ފަރުތަކުގައި ހުންނަ ގާ ހުދުވި ނަމަވެސް ރާއްޖޭގެ ފަރުތައް އަލުން އިއާދަވުން އަވަސް ކަމަށާއި އެކަމަކު އިންސާނުންގެ އަމަލުތަކުގެ ސަބަބުން ފަރުތައް އިއާދަވުން ލަސްވެދާނެ ކަމަށެވެ. އެހެންވެ މެރިން ރިސާޗް އިންސްޓިޓިއުޓުން އެދިފައިވަނީ ބިން ހިއްކުމާއި، ފަޅު ފުންކުރުމާއި ބީޗް ނަރިޝިން ފަދަ މަސައްކަތްތައް މިވަގުތަށް މަޑުޖައްސާލުމަށެވެ.
ކަނޑުތަކުގެ ހޫނުމިން މަތިވާތީ ގާ ހުދުވުމުގެ މައްސަލައަކީ މުޅި ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް ދިމާވާނެ މައްސަަލއެއް ކަމަށް އެމެރިކާގެ ނެޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އަދި އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އިކްރީ) އިން ބުނެ އެވެ. ގާ ހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާކުރުމަށް ނޮއާއިން ހިންގާ "ކޮރަލް ރީފް ވޮޗް" ޕްރޮގްރާމުގައި ރާއްޖެ އޮތީ ފަސް ގިންތީގެ ތެރެއިން ތިންވަނަ ގިންތީ ގައެވެ.
ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1998 ވަނަ އަހަރު އެވެ. އޭގެފަހުން މިއީ ރާއްޖޭގައި ފާހަގަކުރެވޭ މިންވަރަކަށް ގާ ހުދުވި ހަތަރުވަނަ ފަހަރެވެ.