ދުނިޔެ

އީރާން މަޝްވަރާތައް އަވަސްކުރަން ޖެހޭ: އީޔޫ

އީރާން ނިއުކްލިއާ މަޝްވަރާތައް ދޭތެރެ ދޭތެރެއިން މެދުކެނޑެމުން ގޮސް މިހާރު އަނެއްކާ ވެެސް އޮތީ މެދުކެނޑިފަ އެވެ. މަޝްވަރާތަކުގެ އާބުރެއް ފެށެން ތައްޔާރުވެފައި ވާއިރު ޔޫރަޕްގެ ގޮވާލުމަކި ވެސް މަޝްވަރާތައް އަވަސްކުރުމެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް، ޖޯސެފް ބޮރެލް، އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާންއާ މަޝްވަރާ ކުރައްވަމުން ވިދާޅުވީ މަޝަވަރާތައް އަވަސްކުރުމުގައި އީރާން އަށް ވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.

އީރާން ނިއުކްލިއާ މަޝްވަރާއެއްގެ ވާހަކަތައް ދުނިޔެއަށް ގިނަވެގެން މިއުޅެނީ އެމެރިކާގެ ސަބަބުންނެވެ. އެބުނާ އެއްބަސްވުން، ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އަކީ ބަރަކް އޮބާމާގެ ޒައާމަތުގައި 2015 ގައި އެކުލަވާލައި އަމަލުކުރަން ފަށާފައި އޮތް އެއްބަސްވުމެކެވެ.

އެމެރިކާގެ ވެރިކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެ ވަޑައިގެން 2018 ގައި ޖޭސީޕީއޯއޭ އުވާލެއްވީ އެވެ. އަދި އެއީ ބޭނުން ނެތް އެއްޗެއް ކަމަށް ވިދާޅުވެ އީރާނަށް އިގްތިސޯދީ ގޮތުން ދަތިކުރަން ފިޔަވަޅުތައް ހަރުކަށިކުރީ އެވެ.

ބައިޑަން މިހާރު ގެންދަވަނީ މި އެއްބަސްވުމުގައި އީރާން ލައްވައި އަލުން ސޮއިކުރެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރަމުންނެވެ. މިކަމުގައި މެދުވެެރިވާ ކަމެއްގެ ސަބަބުން ސޮއިކުރުން ލަސްވަނީ ހުޅަނގާއި ވިލާތުން ބުނާ ގޮތުން އީރާންގެ ސަބަބުންނެވެ. އެކަމަކު އަސްލު މައްސަލަ އަކީ ރަނގަޅަށް ހިނގަ ހިނގާ އޮތް އެއްބަސްވުމެއް އެމެރިކާއިން ބާތިލްކޮށްލުމެވެ.

އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވި ގޮތުގައި މަޝްވަރާތައް އަންނަ ބުރާސްފަތި ދުވަހު ވިއެނާގައި އަލުން ފެށޭނެ އެވެ.

އަބްދުލާހިޔާން ވިދާޅުވި ގޮތުގައި ހުޅަނގުން ހެޔޮ ނިޔަތެއްގައި މަޝްވަރާތައް ބަލައިގެންފި ނަމަ ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށެވެ.