އެމްއެންޑީއެފް

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ރިޓަޔާކުރައްވައިފި

Dec 9, 2021
4

ސިފައިންގޭގައި 37 އަހަރުގެ ހިދުމަތް ކުރެއްވުމަށްފަހު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.

މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

ޒަކަރިއްޔާ ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު، ޒަކަރިއްޔާއާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އެވެ. މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ ސިޓީފުޅާއި އަދި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ. ޒަކަރިއްޔާ މަންސޫރުގެ ރިޓަޔާމަންޓްގެ ރަމްޒީ ކާޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

ޒަކަރިއްޔާ ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އެމްންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓުތަކުގެ ކޮމާންޑަރުންނާއި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާގެއާއިލާގެ ބޭފުޅުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެ އެވެ.

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ މާޗް 13، 1984 ގައެވެ.

މިދިޔަ ދިގު މުއްދަތުގައި ޒަކަރިއްޔާ ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އިސް ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގަ އެވެ.

ކޯސްޓްގާޑުގައި ޒަކަރިއްޔާ ފުރުއްވި މަގާމުތަކުގެ ތެރޭގައި ކޯސްޓްގާޑްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު، ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަގާމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފަ އެވެ. އެގޮތުން ކޯސްޓްގާޑުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ކުރިއެރުވުމުގައި ޒަކަރިއްޔާގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ.

ކޯސްޓްގާޑްގައި ފުރުއްވި މަގާމުތަކުގެ އިތުރުން ސިފައިންގެ އެކިއެކި ދާއިރާތަކުގައި ފުރުއްވި އެހެނިހެން މަގާމުތަކުގެ ތެރޭގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމާއި، ސިފައިންގެ އެކުވެރި ކުންފުނި އަދި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމަންޓް ކޮމިޓީގެ ޗެއާމަންކަމާއި، ޓްރެއިނިން އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، ކައްދޫ އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުކަމާއި، އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަންކަން ހިމެނެ އެވެ. ސިފައިންގެ ހިދުމަތުން ރިޓަޔަރކުރެއްވި އިރު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ހުންނެވީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.

ސިފައިންގެ ހިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިހްލާސްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި 11 ކުލަ ވަނީ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް ލިބިވަޑައިގެންފަ އެވެ.