އެމްއެންޑީއެފް

ސިފައިންގެ ޗީފް އަބްދުއްރަހީމް ރިޓަޔާ ކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.

އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ ރޭ ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ސިފައިންގެ ހިދުމަތުން އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ އުމުރުން 60 އަހަރު ފުރުމާއެކު އެވެ. ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ވަންދެން ކަމަށް ސިފައިންގެ ގާނޫނުގައި ބުނެފައިވެ އެވެ.

ސިފައިންގެ މައިމަރުކަޒުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަބްދުއްރަހީމްގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނާ ގާޑެއް އަރުވާފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސިޓީފުޅު އަދި އިހްލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމްއާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ދޭ ސިޓީ އާއި ރިޓަޔަމަންޓްގެ ރަމްޒީ ކާޑު އަބްދުއްރަޙީމްއާ ހަވާލުކޮށް ދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.

އަބްދުއްރަހީމް ސިފައިންގެއާ ގުޅިވަޑައިގަތީ ފެބްރުއަރީ 18، 1985 ގަ އެވެ.

ސިފައިންގެ ހިދުމަތުގައި އަބްދުއްރަހީމް ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފަ އެވެ.

މީގެ ތެރޭގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފާހަގަކޮށްލެވެ އެވެ.

ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި އަބްދުއްރަހީމް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފަ އެވެ. އަދި އެމްއެންޑީއެފްގެ ވަރަށް ގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ފުރުއްވާފައިވެ އެވެ.

މި ގޮތުން އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި، ކޯ ކޮމަޑާންޓްކަމާއި އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނެ އެވެ. އަދި ސިފައިންގެ ތަރުޖަމާންގެ މަގާމާއި އަދި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމު އަދާކުރައްވާފައިވެ އެވެ.

އަބްދުއްރަހީމް ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ގައުމަށް ކޮށްދެއްވި ހާއްސަ ހިދުމަތްތަކުގެ ތެރޭގައި، ނޮވެމްބަރު ތިނެއް، 1988 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއަށްފަހު ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަތުމާއި، ޑިސެމްބަރު 26، 2004 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަން ހިމެނެ އެވެ.

މީގެ އިތުރުން 2011 ވަނަ އަހަރު އައްޑޫ ސިޓީގައި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ސިފައިން ހިންގި ހާއްސަ އޮޕަރޭޝަންގައި މަސައްކަތްކުރެއްވި އެވެ.

އަބްދުއްރަހީމް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިހްލާސްތެރި ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހުލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެ އެވެ. އަދި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ދިވެހި ދައުލަތަށް ހިދުމަތްކުރައްވައިގެން 2021 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ހާސިލުކުރައްވާފަ އެވެ.