ސިފައިންގެ މީހާ ރަހީނުކުރި މައްސަލާގައި އޭނާގެ އަތުން ފޭރެން އޭޓީއެމްތަކަށް ގެންގޮސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހިނގާދިޔަ ހާދިސާއާ ގުޅިގެން ތަފާތު ގޮތްގޮތަށް ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެގޮތުން ސިފައިންގެ މީހާ ރަހީނުކުރުމަށް ފަހު އޭނާގެ އަތުން ފޭރެން އޭޓީއެމްތަކަށް ގެންގޮސްފައިވާ ކަމަށްވެސް މީޑިއާތަކުގައި ރިޕޯޓްކުރި އެވެ. އެ ވާހަކަތައް އައީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދު މަޖިލީހުގައި ދެކެވުނު ކަމަށް ބުނާ ވާހަކަތަކާ ގުޅުވައެވެ.
ނަމަވެސް ފުލުހުން މިރޭ ބުނި ގޮތުގައި އެއީ ކޯޓުން ހޯދި މައުލޫމާތެއް ނަމަވެސް ހަގީގަތެއް ނޫނެވެ.
ސިފައިންގެ މީހާ ރަހީނުކުރި މައްސަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ. އެއީ ދިވެހި ފިރިހެނުންނެވެ.
މީގެ އިތުރުން ވިލިމާލެގެ ގެސްޓްހައުސްއެއް ބަލާ ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މައްސަލައިގެ ތަހުގީގު އަދިވެސް ހިންގާ ކަމަށް ބުންޏެވެ.
ފުލުހުން ކުރީން ބުނީ މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރަހީނުކޮށްފައިވަނީ މާލެއިން ކަމަށް ނުބެލެވޭ ކަމަަށެވެ. އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިން ކަމަށް ލިބިފައިވާ މައުލޫމާތުން ބެލެވޭ ކަމަަަށެވެ. ދެން ބުނީ އެއީ އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއް ކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައެއް ނުވާ ކަމަަށެވެ.
މި މައްސަލާގައި ސިފައިން ކުރީން ނެރެފައިވާ ބަޔާނެއްގައި ބުނީ އެމްއެންޑީއެފް ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ހަސަން ފަހީމް، ރަހީނުކޮށް އަނިޔާތަކެއް ދީފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ފަހީމަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މީހުން ކުރަމުންދާ އަމަލުތަކަކީ ޖާގަ ދޭނެ އަމަލުތަކެއް ނޫންކަމަށާއި ސިފައިންނަށް ދޭ އެފަދަ ހަމަލާތަކުގެ ސަބަބުން ގައުމީ ހިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.