ހަބަރު

ދީނާއި މިނިވަންކަން ދިފާއުކުރުމަށް އަޒުމް އާ ކުރަން ޖެހޭ: ރައީސް

Dec 12, 2015
6

ދީނާއި މިނިވަންކަން ހިމާޔަތް ކޮށް ރައްކާތެރި ކުރުމުގެ އަޒުމް އާކުރަން ޖެހޭ ކަމަށް ވިދާޅުވެ، ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް އެންމެހާ ރައްޔިތުންނަށް ފޮނުއްވައިފި އެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސް އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޕޯޗުގީޒުންގެ ކިބައިން ގައުމު ސަލާމަތް ކުރެއްވުމަށް ޓަކައި ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުން ނަގައިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ބިރުވެރިކަމާއި މުސީބާތާއި ދަތި އުނދަގުލުގައި ވެސް، ނުގުޑާފަދަ ޢަޒުމަކާއި ހިތްވަރެއް ކުރިއަށް ނެރެފިނަމަ، އަޅުވެތިކަން މިނިވަންކަމަށް ބަދަލުކުރެވޭނެކަން ކަމަށެވެ. އެހެންކަމުން، ބޮޑުތަކުރުފާނާ އެކު އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި އަބްޠާލުން ދެއްކެވި ފުރިހަމަ ކެރިވަޑައިގަތުމާއި ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ނަމޫނާއިން، ޒުވާން ޖީލު ޢިބްރަތް ހާސިލު ކުރުމަށް ރައީސް ގޮވާލެއްވި އެވެ.

"ހަމައެއާއެކު، އަޅުގަނޑުމެންގެ ދީނާއި ޤައުމީ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޢަޒުމު އާކުރެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސް ކުރަމެވެ،" ރައީސްގެ މެސެޖްގައިވެ އެވެ. 

އެމެސްޖައި ރައީސް ވަނީ ބޮޑުތަކުރުފާނާއި އެމަނިކުފާނާ އެކު ޖިހާދު ކުރެއްވި އެންމެހާ ފަރާތްތަކުގެ ފުރާނައަށް ސުވަރުގޭގެ ނިއުމަތް ދެއްވުން އެދި ދުއާކުރައްވައިފަ އެވެ.

ރައީސްގެ މެސެޖް ނިންމަވާ ލައްވަމުން ވިދާޅުވެފައި ވަނީ؛ "މާތްﷲ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ބިންގަލުގެ މަތީގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށިއެވެ! ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށިއެވެ! ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި ކުރިއެރުމަށް ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތާއި ކާމިޔާބު ލައްވާށިއެވެ! އާމީން." އެވެ.

ގައުމީ ދުވަސް ފާހަގަ ކުރުން ރަސްމީ ފެންވަރުގައި އޮތީ ހއ. އުތީމުގަ އެވެ. އެރަށް ޒީނަތްތެރިކޮށް ތައްޔާރީތައް ވެފައިވާ އިރު، ރައީސް އެ ހަފްލާތަކުގައި ބައިވެރިވެ ވަޑައިގަންނަވަން ހަމަޖެހިފައިވެ އެވެ.