އެމްޑަބްލިއުއެސްސީ

މަތިވެރީގައި ފެނުގެ މަޝްރޫއު އިފްތިތާހުކޮށްފި

އއ. މަތިވެރީގައި ރައްކާތެރި ބޯފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ފެށުން އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި މަތިވެރި ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު އެވެ.

ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މަތިވެރިއަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ފެނުގެ މަޝްރޫއުގެ ދަށުން މަތިވެރީގައި 6.86 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީގެ އިމާރާތެއް އަޅައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހައްޓައި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގީ ވެސް ބަހައްޓާނެ އެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި ގެތަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށް ދޭނެ އެވެ.

މަތިވެރީގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަަޝްރޫއެކެވެ. މިމަޝްރޫއުގެ އަގަކީ 38.83 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން މަތިވެރީގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ އެވެ.