ލައިފްސްޓައިލް

ޔުނިވަސިޓީ ޕްރޮފެސަރަކީ ސައި ވިއްކަން އުޅުނު މީހެއް

ބަނޑުހައިހޫނުކަމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ނުހެދި އެ ކަންތައް ހަނދާން ނައްތާލަން މަޖްބޫރުވެ އެވެ. ނަމަވެސް މި މީހާ ތަފާތެވެ. ފަގީރުކަމާއި ބަނޑުހައިހޫނު ކަމަކީ އޭނާގެ ހުވަފެންތަކުގައި ކުލަޖައްސަން އޮތް ހުރަހެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އަދި ހިތްވަރާއި މިންނަތް މަސައްކަތުން އޭނާ މިއަދު ވަނީ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ހަދާފަ އެވެ.



ރަފީގް އިބްރާހިމް އަކީ އިންޑިއާގެ ކެރެލާގެ ކުޑަ އަވަށެއް ކަމަށްވާ އީޗޯމް އަވަށުގައި ދިރިއުޅުނު މީހެކެވެ. ރަފީގް، 34، އަކީ ކުޑަ ސައި ފިހާރައެއް ހިންގާ މީހެއްގެ ދަރިއެކެވެ. މި ތަނުން ލިބޭ އާމްދަނީން ރަފީގް އާއި އާއިލާ އަށް ބަނޑުފުރާނަ މުއްތި ކުރެވޭ ވަރެއް ނުވެ އެވެ. އެހެންވެ ގިނަ ފަހަރަށް އެ އާއިލާގެ އެންމެން ތިބެނީ ބަނޑުހައިހޫނުކަމުގަ އެވެ. ނަމަވެސް މިއީ ރަފީގުގެ ކުރިއެރުމަށް އޮތް ހުރަހެއް ކަމަކަށް އޭނާ ނުދެކެ އެވެ.

ރަފީގު ކުޑަ ކުޑައިރުއްސުރެ އެކި ކަހަލަ މަސައްކަތްތައް ކޮށްގެން ފައިސާ ހޯދައި އާއިލާއަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ރަފީގު ސައި ވިއްކަން މަގުމަތީގައި ހުއްޓެވެ. ވެހިކަލްތައް ސާފުކޮށްދީގެން ފައިސާ ހޯދި އެވެ. އަދި ފައިވާން ވިއްކާ މީހެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި އެވެ. އޭނާގެ ދައްތައަށް ރަނގަޅު ވަޒީފާއެއް ލިބި އާއިލާއަށް މާލީގޮތުން ހަމަޖެހުން ލިބެންދެން ރަފީގު އުޅުނީ މިގޮތަށެވެ. އާއިލާއަށް ފައިސާގެ ގޮތުން ދަތިކަން ފިލުމުން ރަފީގު އަނެއްކާ ކިޔަވަން ފެށި އެވެ. އަދި ކަލިކަޓް ޔުނިވަސިޓީން އިކޮނޮމިކްސްގެ ރޮނގުން ބެޗްލާޒް ޑިގްރީއެއް ހާސިލުކޮށް މާސްޓާޒް އަށް ކިޔަވަން ފެށި އެވެ.
އޭގެ ފަހުން އޭނާ ޕީއެޗްޑީ ހާސިލުކޮށް ކަންނަންނޫރު ޔުނިވަސިޓީގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައި ދަނީ މަސައްކަތް ކުރަމުންނެވެ.