ލައިފްސްޓައިލް

ލޯބިވެރިޔާ އަށް ހެދިގެން އިމްތިހާނު ހަދައިދޭން އުޅުނު އަންހެނަކަށް ބޮޑު ލަނޑެއް

ލޯބިވެރިޔާއަށްޓަކައި މީހުން ކިތަންމެ ބޮޑު ގުރުބާނީއެއް ވާން ވެސް ތައްޔާރަށް ތިބޭކަން ތާރީހު ހެކިދެ އެވެ. އިންޑިއާގެ ގުޖްރާތުގައި ދިރިއުޅޭ އުމުރުން 24 އަހަރުގެ މި އަންހެންމީހާ ވެސް އޭނާގެ ލޯބިވެރިޔާއަށްޓަކައި ހަމަ މިފަދަ ބޮޑު ގުރުބާނީއެއް ވަނީ ވެފަ އެވެ. އަދި އޭނާ ކުރި ކަންތަކުގެ ސަބަބުން އޭނާގެ މުޅި ކުރިމަގު ބަނަވުމުގެ ބިރު މިހާރު އެބައޮތެވެ.

"މިރާ ނައު" ނޫހުގައިވާ ޚަބަރެއް ބުނާ ގޮތުގައި އަންހެންމީހާ ވަނީ އޭނާގެ ލޯބިވެރިޔާ އުތުރާކަންޑް ކިޔާ ރަށަކަށް ޗުއްޓީއަށް ފޮނުވާފައި އޭނާ ހަދަން ޖެހޭ އިމްތިހާނެއްގައި އޭނާގެ ނަމުގައި ބައިވެރިވެފަ އެވެ.

ބީ.ކޮމްގެ ތިން ވަނަ އަހަރުގެ އިމްތިހާނުގައި އަންހެންމީހާ އޭނާގެ ލޯބިވެރިޔާގެ ނަމުގައި ބައިވެރިވިކަން ފަޅާ އަރައި 'ފެއާ އެސެސްމެންޓް އެންޑް ކޮންސަލްޓޭޓިވް ޓީމް (ފެކްޓް)ކޮމިޓީން ވަނީ މި ދަރިވަރާއި އޭނާގެ ލޯބިވެރިޔާ އަށް ފިޔަވަޅު އަޅަން ވީރް ވަގުތުނަރްމަދް ސައުތު ގުޖްރާތު ޔުނިވަސިޓީއަށް އަންގާފަ އެވެ.

ޔުނިވަސިޓީގެ އޮފިޝަލަކު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި އަންހެންމީހާ އާއި ފިރިހެންމީހާ އަކީ ސްކޫލް ދައުރުއްސުރެ ދެ ލޯބިވެރިންނެވެ. ނަމަވެސް އަންހެންމީހާގެ އާއިލާއަކަށް މިކަމެއް ނޭނގެ އެވެ. އަދި ފިރިހެންމީހާއަށް ވެގެން އޭނާ އިމްތިހާނެއްގައި ބައިވެރިވިކަމެއް ވެސް ނޭނގެ އެވެ.

އަންހެންމީހާ އާއި އޭނާއަށް މަދަދު ކުރި މީހަކު ވަނީ އިމްތިހާނު ހޯލަށް ވަނުމުގެ ކުރިން ފާސްކުރާ ކޮމްޕިއުޓަރުގައި އިން ފިރިހެންމީހާގެ ފޮޓޯ އަންހެންމީހާގެ ފޮޓޮއަކަށް ބަދަލުކޮށް އޮޅުވާލާފަ އެވެ. އަދި ކޮމްޕިއުޓަރުން ނަމަށް ވެސް ކުޑަ ބަދަލެއް ގެނެއްސަ އެވެ. އޭނާއަށް ފިރިހެންމީހާއަށް ހެދިގެން އިމްތިހާނު ހޯލަށް ވަދެވުނީ އެހެންވެ އެވެ.

ކޮލެޖު ފެކަލްޓީގެ މެމްބަރަކު ބުނި ގޮތުގައި އިމްތިހާނު ހޯލުގައި ތިބޭ ސުޕަވައިޒަރުން ވަރަށް ގިނައިން ބަދަލުވެ އެވެ. އެހެންވެ ހުރިހާ ސުޕަވައިޒަރުންނަކަށް ހުރިހާ ދަރިވަރުންނެއް ނޭނގެ އެވެ. އަދި އިމްތިހާނު ހޯލަށް ދަރިވަރުން ވައްދަނީ ކޮމްޕިއުޓަރުން އެކުދިންގެ ނަމާއި ފޮޓޯ ޗެކް ކުރުމަށް ފަހުގަ އެވެ. އިމްތިހާނު ހަދަން ކޮންމެ ދުވަހަކުވެސް ދަރިވަރުން ތިބެނީ އެއް ގޮނޑިއެއްގަ އެވެ. އެގޮތުން އެ ދުވަހު ފިރިހެނަކު އިންނަ ގޮނޑިއެއްގައި ކުއްލިއަކަށް އަންހެނަކު އިންދާ ފެނުމުން އެތާ ކައިރީގައި އިން އެހެން ދަރިވަރަކަށް އެކަން ފާހަގަ ކުރެވިގެން އެ ވާހަކަ ސުޕަވައިޒަރުންނާ ދެއްކީ އެވެ. އަންހެންމީހާ ފަޅާ އެރީ އެހެންވެ އެވެ.

ވަގުތުން ފިރިހެންމީހާ އަށް ގުޅިއިރު އޭނާ ހުރީ ޗުއްޓީގައި އުތުރާކަންޑް ކިޔާ ރަށެއްގަ އެވެ. އަދި މީގެ ކުރިން އެމީހާ މި އިމްތިހާނުގައި ބައިވެރިވެ ފެއިލް ވެފައިވާތީ އޭނާގެ ބަދަލުގައި ލޯބިވެރިޔާ އިމްތިހާނު ހަދައިދޭން މަސައްކަތް ކުރީ ކަމަށް ފިރިހެންމީހާ ބުނެފައި ވެއެވެ.

ލޯބިވެރިޔާއަށްޓަކައި އަންހެންމީހާ މި ކުރި ކަންތަކުން އޭނާއަށް ވެސް ބޮޑު އަދަބެއް ލިބުމުގެ ބިރު އެބައޮތެވެ. އެގޮތުން އޭނާގެ ބީ.ކޮމް ޑިގްރީ ކެންސަލްކޮށް ސަރުކާރުން އޭނާއަށް ލިބިފައިވާ ވަޒީފާ ވެސް ގެއްލުން ގާތް ކަމަށް ބުނެފައި ވެއެވެ.