ކޮންމެ ޒުވާނެއްގެ ވެސް އުއްމީދަކަށް ވަނީ ކިޔަވައި ނިންމާ ރަނގަޅު ވަޒީފާއެއް ހޯދައިގެން ދިރިއުޅުން ބިނާ ކުރުމެވެ. އިންޑިއާގެ ނޯތު ޑިނަޖްޕޫރު ޑިސްޓްރިކްޓްގައި ދިރިއުޅޭ ރާޖްކުމާރު މަހާޓޯ ވެސް ދެކެމުން އައީ މިފަދަ ހުވަފެނެކެވެ. ކިޔަވައިގެން ރަނގަޅު އާމްދަނީ އެއް ލިބޭ ވަޒީފާއެއް ހޯދައި، އާއިލާއަށް އެހީތެރިވުމުގެ ހުވަފެނެވެ.
އެގޮތުން އޭނާ ވަނީ ޕޮލިޓިކަލް ސައިންސްގެ ރޮނގުން މާސްޓާޒް ޑިގްރީ ހާސިލް ކޮށްފަ އެވެ. ނަމަވެސް މި ޑިގްރީ އޮތުމަކުން ރާޖްކުމާރުގެ ހުވަފެންތަކަށް ހަގީގީ ކުލަ ޖެހޭ ގޮތެއް ނުވި އެވެ. އަދާކުރާނެ ވަޒީފާއެއް ނުލިބުނީމަ އެވެ.
އެންމެ ފަހުން މިހާރު އޭނާ އުޅެނީ ގޭގެއަށް ތަކެތި ވިއްކަން ދާ ސޭލްސްމަން އެއްގެ ގޮތުގަ އެވެ. މިއަދު އޭނާ ބަނޑުފުރާނަ މުއްތިކުރަން ކުރާ މަސައްކަތަކީ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކޮށް ގޭގޭގެ ދޮރުގައި ޓަކިޖަހައި އޭނާ ވިއްކަން ގެންގުޅޭ ތަކެތި ވިއްކުމުގެ މަސައްކަތެވެ. އޭނާގެ މާސްޓާޒް ޑިގްރީ ގޭގެ އެއްކަނެއްގައި ބާއްވާފަ އެވެ.
ރާޖްކުމާރު ކިޔެވީ ޕޮލިޓިކަލް ސައިންސް ކަމަށް ވާތީ ވިޔަފާރީ ކުރުމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ތަމްރީނެއް އޭނާގެ ނެތެވެ. އާއިލާ ބަނޑަށް މަރުވާން ދޫކޮށްލެވެން ނެތީމަ އަދި ކުރާނެ އެހެން އެއްވެސް މަސައްކަތެއް ނުފެނުނީމަ މިގޮތަށް ގޭގެއަށް ގޮސް އެއްޗެތި ވިއްކުމުގެ މަސައްކަތް ކުރަނީ އެވެ. އޭނާ މި މަސައްކަތް ނުކުރާނަމަ އާއިލާގެ އެންމެން ތިބޭނީ ބަނޑަށެވެ.
ރާޖްކުމާރަކީ ހަމައެކަނި ވިސްނުންތޫނު ދަރިވަރެއް ނޫނެވެ. ކަރާޓޭ އިން ބްލެކްބެލްޓް ހޯދާފައިވާ މީހެއް ވެސް މެއެވެ. ނަމަވެސް ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް އޭނާއަށް ވަޒީފާއެއް ދޭނެ މީހަކު ނުވި އެވެ.
ކޮންމެ ދުވަހަކު ހެނދުނު އޭނާ ގެއިން ނުކުމެގެން ދަނީ ކުލަ ހުވަފެންތަކެއް ދެކެމުންނެވެ. ކާރެއް ފުރެންދެން ވިއްކަން ގެންގުޅޭ ސާމާނު އަޅައިގެންނެވެ. އެކި އަވަށް އަވަށުގެ ގޭގޭ ދޮށަށް ގޮސް އެ ތަކެތި ވިއްކުމުގެ މަސައްކަތުގައި އޭނާ މުޅި ދުވަސް ހޭދަކޮށްލަ އެވެ.
"އަހަންނަކަށް ނޭނގެ ކުރިމަގުގައި ވެސް އަހަންނަށް ވަޒީފާއެއް ލިބޭނެކަމެއް ވެސް. ނަމަވެސް އަހަރެން ފައިސާ ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް ހިތްވަރާއެކު ކުރާނަން،" ރާޖްކުމާރު ބުންޏެވެ.
ރާޖްކުމާރު ކަހަލަ ތައުލީމީ މީހަކު މިކަހަލަ މަސައްކަތެއްގައި އުޅޭތަން ފެނުމުން އޭނާގެ އަވަށްޓެރިން ވެސް ވަރަށް ދެރަވެ ހިތާމަ ކުރެ އެވެ. އެމީހުން ބުނަނީ ރާޖްކުމާރަކީ މޮޅަށް ކިޔަވައިގެން ހުރި ވިސްނުން ތޫނު ޒުވާނެއް ކަމަށެވެ. ނަމަވެސް އާއިލާގެ ފަގީރު ހާލަތުގެ ސަބަބުން ވަޒީފާއެއް ލިބެންދެން މަޑުނުކޮށް ޖެހުނު ކޮންމެ ވަޒީފާއެއް ވެސް އަދާކުރަން މަޖުބޫރުވެފައި ވަނީ ކަމަށެވެ.