ލައިފްސްޓައިލް

އިމްތިހާނަށް ދާން ފަތާފައި ކޯރެއް ހުރަސްކޮށްފި

ކޮންމެ ހާލެއްގައިވެސް ކިޔެވުން ދޫކޮށްލުން ނުވަތަ އިމްތިހާނެއް ދޫކޮށްލުމަކީ ބައެއް ދަރިވަރުންނަށް އެއްގޮތަކަށް ވެސް ރުހޭ ކަމަކަށް ނުވެ އެވެ. އިންޑިއާގެ އަންދްރަޕްރަދޭޝްގެ ތައްޑީ ކަލާވަތީ އަކީ ވެސް މި ކަހަލަ ކުއްޖެކެވެ.

އުމުރުން 21 އަހަރުގެ މި އަންހެން ކުއްޖާ އިމްތިހާނަށް އެހެން އަވަށަކަށް ދާން އޮތް ދުވަހު އޭނާގެ އަވަށާއި ޖެހިގެން އޮންނަ އަވަށާ ދެމެދު އޮންނަ ޗަމްޕާވަތީ ކޯރު އޮތީ ވިއްސާރަވެހި ބަންޑުން ގޮއްސަ އެވެ. އަދި މުޅި އަވަށްތަކުގައި ވެސް ފެން ބޮޑުވެފައިވާތީ ތައްޑީއަށް އިމްތިހާނު ހަދަން އޮތް އަވަށަށް ދެވޭނެ އެއްވެސް ގޮތެއް ނެތި ހަދާނެ ގޮތް ހުސްވި އެވެ.

އެ ކޯރުގައި އާއްމުކޮށް ދުއްވާ ބޯޓުތައް ވެސް ވިއްސާރަކަމުން އެ ދުވަހު ނުދުއްވަ އެވެ. ނަމަވެސް ކޮންމެ ގޮތެއް ހަދާފައިވެސް އިމްތިހާނަށް ދާން ތައްޑީ ބޭނުންވި އެވެ. އެހެންވެ އޭނާގެ ބޭބެ އާއި އާއިލާގެ މީހަކާ އެކު ކޯރަށް އެރި އަނެއް ފަރާތުގައި އޮތް އަވަށަށް ދިއުމަށް ދަތުރު ފެށީ އެވެ.

ތައްޑީ އަށް ކުޑަކޮށް ވެސް ފަތާކަށް ނޭނގެ އެވެ. އެހެންވެ އޭނާގެ ދެ ބޭބެއިން ދެ ފަރާތުގައި ތިބެ އެމީހުންގެ އަތްމަތީގައި އޭނާ ބައިންދައިގެން ކޯރު ހުރަސްކުރީ އެވެ.

މި މަންޒަރު ފެންނަ ވީޑީއޯއެއް މިހާރު ސޯޝަލް މީޑީއާގައި ދައުރުވަމުންދާއިރު ވީޑީއޯ ބެލި އެންމެން ވެސް ވަނީ ތައްޑީގެ ހިތްވަރަށް ތައުރީފުކޮށްފަ އެވެ. އަދި ކޮއްކޮ އިމްތިހާނުގައި ބައިވެރިކޮށްދޭން ދެ ބޭބެއިން ކުރި މަސައްކަތަށް ވެސް ގިނަ ބަޔަކު ތައުރީފުކޮށްފައި ވެއެވެ.

ތައްޑީގެ އަވަށް ކަމަށްވާ މަރިވާލަސާ އަށް އޭނާ ދިޔައީ އިމްތިހާނު އޮތް ދުވަހުގެ ދެ ދުވަސް ކުރިންނެވެ. އޭރު އެ ހިސާބަށް ވިއްސާރަ ނުކުރާތީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ އޭނާއަށް އިމްތިހާނަށް އަންނަން ދަތިތަކާ ކުރިމަތި ވެދާނެ ކަމަކަށް އޭރު ތައްޑީ ހިޔެއް ނުކުރެ އެވެ.

އޭނާ އަވަށަށް އައިތާ މާ ގިނައިރެއް ނުވެ ވާރޭ ވެހެން ފެށިގޮތަށް މުޅި އެހިސާބުގައި ފެންބޮޑުވެ ކޯރުވެސް ބަންޑުންވީ އެވެ.

ހިތްވަރާއެކު ކޯރު ހުރަސްކޮށް ގޮސް ތައްޑީ ވަނީ އިމްތިހާނުގައި ބައިވެރިވެފަ އެވެ.