ލައިފްސްޓައިލް

އިމްތިހާނު ހޯލުގައި ހުސް އަންހެންކުދިން ތިއްބާ ފެނުމުން ދަރިވަރަކު ހޭނެތިއްޖެ

އިންޑިއާގެ ބިހާރްގައި މީގެ ދެ ދުވަހެއް ކުރިން ހިނގި ހާދިސާއެއްގައި ގްރޭޑް 12 ނިންމައި އިމްތިހާނު ހަދަން އިމްތިހާނު ހޯލަކަށް ދިޔަ ފިރިހެން ކުއްޖަކު ވަރަށް އާދަޔާޚިލާފު ކަމަކާ ހެދި ހޭނެތިއްޖެ އެވެ.

މި ކުއްޖާ ހޭނެތުނީ އިމްތިހާނުގެ ޕްރެޝަރާ ހެދިއެއް ނޫނެވެ. ޝަރީފްސް އައްލާމާ އިގްބާލް ކޮލެޖުގައި ކިޔަވަމުންދާ ޝަންކަރް ނަމަކަށް ކިޔާ މި ކުއްޖާ ހޭނެތުނީ ހުސް އަންހެން ކުދިން ތިބި އިމްތިހާނު ހޯލަކަށް ވަދެވުމުން ލިބުނު ހާސް ކަމުގަ އެވެ.

އޭއެންއައި ނިއުސް އެޖެންސީގައިވާ ޚަބަރެއް ބުނާ ގޮތުގައި މި ކުއްޖާ އިމްތިހާނު ސެންޓަރަށް ދިޔައިރު އެތަނުގައި ތިބީ ހުސް އަންހެން ކުދިންނެވެ.

އޭނާ ނޫން އެއްވެސް ފިރިހެން ކުއްޖަކު އެތާކު ނެތެވެ. އިމްތިހާނު ހޯލުގައި 500 އަންހެން ކުދިން ތިބިއިރު ފިރިހެން ކުއްޖަކަށް ހުރީ ޝަންކަރް އެކަންޏެވެ.

ޝަންކަރްގެ ބޮޑުދައިތަ ބުނި ގޮތުގައި ހުރިހާ އަންހެން ކުދިންތަކުގެ މެދުގައި އޭނާ އެކަނި ފިރިހެން ކުއްޖަކަށް ހުރިކަން އެނގުމުން ޝަންކަރް ވަރަށް ބޮޑަށް ހާސްވެ ހުން އައިސް، ހޭނެތުނީ އެވެ. އަދި ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ބޮޑުދައިތަ ބުންޏެވެ.

މި ކުއްޖާ އަދިވެސް އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށާއި ފަރުވާ ދޭން ފެށުމުން މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

ހޮސްޕިޓަލުގައި އޮތް ޝަންކަރްގެ ކައިރީގައި އިނދެ އޭނާގެ ބޮޑުދައިތަ ދިން އިންޓަވިއު އެއްގައި ބުނީ ހޭނެތިގެން ވެއްޓުމުގެ ސަބަބުން ޝަންކަރްގެ އަތް ބިނދިފައިވާ ކަމަށާއި ލިބިފައިވާ އިތުރު އަނިޔާތަކުގެ ތަފްސީލް އަދި ނޭނގޭ ކަމަށެވެ.

އެ ކުއްޖާ ހޭނެތުމުގެ އިތުރުން ވަރަށް ގަދައަށް އެ ވަގުތު ހުން ވެސް އައުމާއެކު ވަގުތުން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.