ގާފަރު

ގާފަރުގެ ގިނަ މައްސަލަތަކުގެ ހައްލު ބަޖެޓުގައި އެބަހުރި: ރައީސް

Dec 11, 2021
2

ކ. ގާފަރުގެ ރައްޔިތުންނަށް މިވަގުތަށް އެންމެ ދަތިވެފައި ހުރި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސް އެ މައްސަލަތައް ހައްލުކޮށްދިނުމަށް ގާފަރު ކައުންސިލުން އެދިއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގާފަރަށް މިހާރު ކުރައްވާ ދަތުރުުފުޅުގައި ރައީސް ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމު ވަނީ މިއަދު ގާފަރު ހެނދުނު ކައުންސިލާ ބައްދަލުކުރައްވާފަ އެވެ.

ގާފަރު ކައުންސިލް އިދާރާގައި ބައްދަލުވުން ފެށުމުގެ ކުރިން ގާފަރުގައި މިއަދު ވަނީ ރަސްމީކޮށް ފުލުހުންގެ ހިދުމަތް ދޭން ފަށާފަ އެވެ. އަދި އިއްޔެ އެރަށުގައި ވަނީ 50 ޓަނުގެ އައިސް ޕްލާންޓެއް ހުޅުވާ ހިދުމަތް ދޭން ފަށާފަ އެވެ. ކައުންސިލަރުން ވަނީ އެ ދެ ހިދުމަތް ގާއިމުކޮށްދިނީތީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ގާފަރުގެ ބިން ހިއްކުމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް މަސައްކަތް ނުފެށި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ރަށްގިރުމުގެ މައްސަލައާއި، ފެނާއި ނަރުދަމާގެ މަސައްކަތް ބަޖެޓުގައި ހިމެނުނު ނަމަވެސް އެ މަސައްކަތް ވެސް ނުފެށި ލަސްވާ މައްސަލަ ހިމެނެ އެވެ. މީގެ އިތުރުން ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ސްކޫލްގެ ޖާގައިގެ ދަތިކަން އަދި ބޭންކިންގެ ހިދުމަތް ގާފަރު ރައްޔިތުން ބޭނުންވާކަން ފާހަގަކޮށްފައިވެ އެވެ.

މިބައްދަލުވުމުގައި ގާފަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ އޮފީސް މަސައްކަތްކުރުމަށް ވަކި ހާއްސަ ޖާގައެއް ނެތުމުގެ ސަބަބުން ދިމާވާ ދާތިތައް ރައީސް ސޯލިހުގެ ސަމާލު ކަމަށް ގެންނަވާފަ އެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ މައުލޫމާތު ހިއްްސާކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ސްކޫލްގެ މައްސަލަ ނޫން އެހެން ހުރިހާ ކަމެއް ބަޖެޓުގައި ހިމެނިފައިވާ ކަމަށެވެ. އަދި ކޮންމެ ކަމެއްވެސް އެއް މަރުހަލާއެއްގައި މަސައްކަތް ކުރިއަށް ހިނގަ ހިނގާ އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމަށްފަހު ރައީސް ސޯލިހް ވަނީ ގާފަރު ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވާ އެތަނު ހާލަތު ބައްލަވާލައްވާފަ އެވެ. އަދި ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން ރައީސް ސޯލިހް ވަނީ ގާފަރުގައި އަލަށް ގާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.