މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކ. ގާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސް ސޯލިހާއި ނައިބް ރައީސް ގާފަރަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި، ގާފަރުގައި ސަރުކާރުން ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ވަނީ ހުޅުއްވައިދެއްވާފަ އެވެ. އެ ސަރަހައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ގާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާ އެކީ ސަރުކާރުގެ ފަރާތުން ފިޝަރީޒް މިނިސްޓްރީން މިފްކޯއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ގާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވައި، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ފިޝަރީޒް އެކްސްޕޯއަށް ވެސް ރައީސް ޒިޔާރަތް ކުރެއްވި އެވެ. އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގާފަރުގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވެވީ ވެސް ރައީސް ސޯލިހެވެ. މިޖަލްސާގައި ރައީސް ސޯލިހް ވަނީ މިސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި މަސްވެރިކަމުގެ ސިޔާސަތާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.
ގާފަރަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހް ވަނީ ގާފަރުގައި ގާއިމުކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލެއްވުމަށްފަހު، ގާފަރު ކައުންސިލާއި އަންހެންނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމަށްފަހު އެމަނިކުފާނު ވަނީ ގާފަރުގެ ހެލްތް ސެންޓަރަށް ވެސް ޒިޔާރާތްކުރައްވާފަ އެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން ގާފަރު ބަނދަރު ސަރަހައްދުގައި ބިނާކޮށްފައިވާ މޮނިއުމެންޓެއް ނައިބް ރައީސް ހުޅުއްވައިދެއްވާފައިވެ އެވެ.