ފައިސަލް ނަސީމް

ދަރިން މަސައްކަތްތެރި ބަޔަކަށް ހަދައިދޭން އެދިވަޑައިގެންފި

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މަސައްކަތްތެރި ބަޔަކަށް ހެދުމަށް ބާރުއަޅައިދެއްވުމަށް ބެލެނިވެރިންގެ ކިބައިން ނައިބް ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފި އެވެ.

ނައިބް ރައީސް މިކަމަށް އެދިވަޑައިގެންނެވީ މާލެ އަތޮޅު ގާފަރު ކައުންސިލްގެ އަށްވަނަ ގުރުއާން މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ކީރިތި ގުރުއާނުންވެސް ދަސްވާ އެންމެ މުހިއްމު އެއް ކަމަކީ ރިވެތި އަހްލާގުކަން ފާހަގަކުރައްވާފަ އެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ ޅަފަތުގައި ގުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ މަގުން ގުރުއާން ކިޔެވުމާއި އަދި ކީރިތި ގުރުއާނުގެ މާނަ ދެނެގަތުމުގެ މުހިއްމުކަމާއި ބޭނުންތެރިކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އަރަބި ބަސް އުނގެނުމުގެ ފައިދާތަކާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ޒަމާނާއެކު އަންނަ ބަދަލުތަކާއި އަދި ކުރިމަތިވާ އެކި ހާލަތްތަކާއެކު ވެސް ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޝާމިލުވެ މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ. ހަމައެހެންމެ ސްކޫލު ދައުރު ނިންމާ ނުކުންނަ ކޮންމެ ކުއްޖަކީ ކޮންމެވެސް ދާއިރާއަކުން މަސައްކަތެއް ދަސްވެފައިވާ ކުއްޖަކަށް ހެދުމުގެ އަޒުމުގައި ބެލެނިވެރިންނާއި ސްކޫލްތަކުންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ގާފަރު ކައުންސިލްގެ ގުރުއާން މުބާރާތަކީ ގާފަރު ރައްޔިތުންގެ މެދުގައި ކީރިތި ގުރުއާނަށް ދޭ އަހަންމިއްޔަތުކަން އިތުރުކުރުމަށާއި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމުގެ މަގުސަދުގައި އެރަށު ކައުންސިލުން އިންތިޒާމުކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރު ބޭއްވި ގާފަރު ކައުންސިލުގެ އަށްވަނަ ގުރުއާން މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ ހަތް އުމުރުފުރާއަކަށް ބަހާލައިގެން، ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔުމުގެ ގޮފި ހިމެނޭ ގޮތަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުޅި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލްކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.